އަންނަ އަހަރުގެ ފުޓުބޯޅަ ސީޒަން، ޖޫން މަހުގައި ފެށުމަށް ކްލަބުތަކުން ނިންމައިފިއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި އިއްޔެ އެފްއޭއެމްގައި ކްލަބުތަކާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެގޮތަށް އެކަން ނިންމީ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގައި ވާހަކަ ދެކެވި، އެކަމަށް ވޯޓެއް ނެގިގެންނެވެ.

ކްލަބުތަކުން އެކަން އެގޮތަށް ނިންމިކަން "ވަގުތު"އަށް ޔަގީން ކޮށްދެމުން ޓީސީ ސްޕޯޓްސް ކްލަބުގެ އެއް ބާނީ، އަހުމަދު ނާޝިދު (ޑޭވް) ވިދާޅުވީ ކްލަބުތަކުުން އެގޮތަށް ނިންމާފައިވާ ކަމަށާއި، ޓީސީންވެސް ތާއީދުކުރީ އެ ވިސްނުމަށް ކަމަށެވެ. ޑޭވް ވިދާޅުވީ ސީޒަން މެދުތެރެއިން ފެށުމަށް ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި، ހުރިހާ ކަމެއްވެސް ފުރަތަމަ އުނދަގޫ ވެދާނެ ކަމަށެވެ.

އެހެން ނަމަވެސް، އެ ޗެލެންޖު ނަގައިގެން ކުރިއަށް ގޮސްފިނަމަ ކާމިޔާބު ވާނެ ކަމަށްވެސް ޑޭވް ފާހަގަކުރެއްވިއެވެ. ޑޭވް އިތުރަށް ވިިދާޅުވީ ކްލަބުން އަންނަ ސީޒަނަށް ތައްޔާރުވާން ފަށާނީ އަންނަ ހަފްތާ ކަމަށާއި، ލީގު ޗެމްޕިއަންކަން ހޯދުމަށްފަހު ޓީސީ މިވަގުތު އޮތީ ރެސްޓެއްގައި ކަމަށެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި ސީޒަން މެދުތެރެއަށް ބަދަލުކުރަން ތާއިދު ނުކުރީ ހަމައެކަނި މާޒިޔާ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

އިއްޔެގެ ނިންމުންތަކާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ)، "ވަގުތު"އަށް ވިދާޅުވީ ސީޒަން ފަށާނެ ދުވަހެއް ކަނޑައެޅުމަށް ކްލަބުތަކާއެކު މަޝްވަރާ ކުރެވި ގޮތެއް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެ ނިންމުން ރަސްމީކޮށް އިއުލާން ކުރާނީ އެކަމުގައި ހުރި ބައެއް ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.

މި ސީޒަން ދިގުލައިގެން ދިޔުމުގެ ސަބަބުން އެފްއޭއެމްއިން ވަނީ އަންނަ އަހަރު ސީޒަން ކަލަންޑަރަށް ބަދަލުތަކެއް ގެންނާނެކަން ކުރިންވެސް ހާމަކޮށްފައެވެ. އެގޮތުން ކުރިން އިއުލާން ކޮށްފައި ވަނީ ކުރިއަށް އޮތް ސީޒަނުގައި މާލޭ ލީގުވެސް ނުބާއްވާ ގޮތަށެވެ.