ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އަދި އެންމެ ގިނަ ބަޔަކު އިހުތިރާމް ކުރާ ކުޅުންތެރިޔާ އިމްރާން މުހައްމަދު (އިންމަ)، ރަސްމީކޮށް ގައުމީ ޓީމާ އަލްވަދާއު ކިޔާ މެޗަށް ޓީމު ތައްޔާރުކޮށް ނިންމައިފިއެވެ.

"ވަގުތު"އަށް ވާހަކަ ދައްކަމުން އިންމަ ބުނީ ޓީމު އެކުލަވާލާ ނިންމާފައިވާ ކަމަށާއި، މިހާރު ލިސްޓްވެސް އެފްއޭއެމްއަށް ހުށަހަޅައިފިން ކަމަށެވެ. ޓީމުގައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ހިމެނޭނެ ކަމަށާއި، ކޯޗަކަށް، އިންމަގެ ރިކުއިސްޓަށް އަންނާނީ ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ކަމަށް އޭނާ ބުންޏެވެ.

އިމްރާންގެ ވަދާއީ މެޗަށް އެފްއޭއެމްގެ ޓީމަކާ ދެކޮޅަށް ނުކުންނަ އިރު، އިންމަ ބުނީ ޓީމުގައި ދެންވެސް ހިމެނޭނީ އޭނާއާއެކު ކެރިއަރު ފަށައިގެން، އެކިއެކި މެޗުތަކުގައި ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން ކަމަށެވެ.

އިންމަ ޓީމުގެ ކޯޗު ސްޓޮއިކޯފަކީ ރާއްޖޭގެ ކްލަބް ފުޓްބޯޅައިގެ ތާރީހުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އެގޮތުން ރާއްޖޭގެ ކްލަބަކުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ، ނިއު ރޭޑިއަންޓް 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިންވަނަ ހޯދިއިރު މޭސްތިރިޔަކީ އޭނައެވެ. އެ ޓީމުގައި އިންމަ ނުހިމެނުނަސް ސްޓޮއިކޯފް ގައުމީ ޓީމަށް ކޯޗުކޮށްދިން ދެ ފަހަރު ވެސް އިންމަ ކުޅުނެވެ.

ގައުމީ ޓީމަށް އިންމަ ފުރަތަމަ ތައާރަފް ކޮށްދިން ކޯޗަކީވެސް ސްޓައިކޯފްއެވެ. އޭގެ ފަހުން އިންމަ ވަނީ 17 އަހަރު ގައުމީ ޓީމަށް ކުޅެފައެވެ.

އިންމަގެ 11އާ ދެކޮޅަށް ނުކުންނަ އެފްއޭއެމްގެ ޓީމަށް އިނގިރޭސި ކްލަބު، މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް، ޕީޓާ ޝޫމައިކަލް އަދި ރެއާލް މެޑްރިޑްގެ ލެޖެންޑް މައިކަލް ސަލްގާޑޯ ކުޅުމަށް ހަމަޖެހިފައިވާ އިރު، އެޓީމުވެސް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ޑިސެންބަރު މަހު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓުބޯޅަ އެވޯޑު ހަފްލާއާ ދިމާކޮށް، ގޯލްކީޕަރު ޝޫމައިކަލް އަދި ޑިފެންޑަރު ސެލްގާޑޯ ރާއްޖެ އަންނަ ހަމަޖެހިފައިވާ އިރު، އިމްރާންގެ ރިޓަޔާމަންޓް މެޗުގައި އެ ދެކުޅުންތެރިންވެސް ކުޅޭނެއެވެ.

އިމްރާންގެ ރިޓަޔާމަންޓް މެޗު އޮންނާނީ ޑިސެންބަރު 29 ވަނަ ދުވަހުއެވެ.

މެޗާ ގުޅިގެން އިމްރާން ބުނީ، ރިޓަޔާމަންޓް މެޗެއް ކުޅެ، އެފްއޭއެމްއިން އޭނާގެ ރިޓަޔާމަންޓް ކުލަގަދަކޮށް ފާހަގަ ކުރުމުން ވަރަށް އުފާކުރާ ކަމަށެވެ.

" ވަރަށް އުފާވެއްޖެ ރިޓަޔާމަންޓް އެފްއޭއެމްއިން މިގޮތަށް ފާހަގަކޮށްދޭތީ. ހާއްސަކޮށް އެފްއޭއެމް އެވޯޑާ ގުޅިގެންވެސް ބާއްވާތީ. އަޅުގަނޑު ގައުމަށް ކޮށްދިން ހިދުމަތުގެ އަގު ވަޒަން ކޮށްދޭތީ އެފްއޭއެމްއަށް ޝުކުރު އަދާކުރަން. އަޅުގަނޑުގެ ޓީމުގައި ހިމެނޭނީ އަޅުގަނޑާއެކު ކެރިއަރު ފެށި ކުޅުންތެރިނާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކުޅުންތެރިން،" އިންމަ ބުންޏެވެ.

އެފްއޭއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ، މި ރާއްޖެ ދުތް އެންމެ މޮޅު ގޯލްކީޕަރު އިންމަގެ ރިޓަޔާމަންޓްގައި ވީހާވެސް ގިނަ ސަޕޯޓަރުން ބައިވެރިވުމަކީ އެފްއޭއެމްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.