ރާއްޖޭގެ ކްލަބުތަކަށް އޭއެފްސީ ލައިސަންސް ނުލިބި، އަންނަ ސީޒަންގެ އޭއެފްސީ ކަޕްގައި ވާދަނުކުރެވުމަށް ދިމާވި ކަންތައްތަކުގެ މައްސަލަ ބެލުމަށް ޔޫތު މިނިސްޓަރު އެކުލަވާލި "ފެކްޓް ފައިންޑިން ކޮމިޓީ"ގެ މަސައްކަތް ހުއްޓާލުމަށް އޭއެފްސީން އިންޒާރު ދިން ނަމަވެސް، އެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް މިނިސްޓަރު އަހުމަދު މަހުލޫފު އިއްޔެ އިއުލާން ކުރިއެވެ.

މަހުލޫފު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޭއެފްސީން މިނިސްޓްރީއަށް އިންޒާރު ނުދޭ ކަމަށެވެ. އަދި މަހުލޫފު ވިދާޅުވީ އޭނާއަކީ މަޖިލީހުގައި ޖަވާބުދާރީ ވާން ޖެހޭ ބޭފުޅެއް ކަމަށާއި، "ފެކްޓް ފައިންޑިން" ކޮމިޓީން ބަލަމުންދާނީ ދައުލަތުން ފުޓުބޯޅައަށް ހަރަދުކުރާ ފައިސާއަށް ވީގޮތް ކަމަށެވެ.

މަހުލޫފުގެ ޓްވިޓާގައި އިތުރަށް ވިދާޅުވީ އެފްއޭއެމް ތެރެއަށް ނުވަންނާނެ ކަން، ބައްސާމްއަށް ކުރިންވެސް ވާނީ އަންގާފައި ކަމަށާއި، އޭއެފްސީއާއި ފީފާއިންވެސް ފިޔަވަޅު ނާޅާނެ ކަމަށެވެ.

އޭއެފްސީގެ ލަފާ

އޭއެފްސީގެ ރައީސް ----

ކްލަބު ލައިސަންސިން މައްސަލަ ބެލުމަށް މަހުލޫފު ކޮމިޓީއެއް އެކުލަވާ ލެއްވުމުން، އެ ކޮމިޓީގެ ފަރާތުން އެފްއޭއެމްގެ މައްސަލަތައް ބެލޭނެތޯ އެފްއޭއެމްއިން އޭއެފްސީގެ ލަފައަކަށް އެދިފައިވެއެވެ.

ކްލަބު ލައިސަންސިންގެ މަސައްކަތް ކުރުމަށް ކޮންމެ ކްލަބަކަށްވެސް އޭއެފްސީ ސައިޓުން ލޮގިންއެއް ދީފައިވާ އިރު، ލައިސަންސިންއަށް އެދި ކްލަބުތަކުން ހުށަހަޅާ ޑޮކިއުމަންޓްސްތައް ރިވިއުކޮށް، އެޕްރޫވް ކުރަން ޖެހެނީ އެފްއޭއެމްގެ ކްލަބު ލައިސަންސިން އޮފިސަރެވެ.

މިފަހަރު ރާއްޖޭގެ ކްލަބުތަކުން ލިޔެކިޔުންތައް ހަމައަށް ފޮނުވާފައިނުވާ ކަމަށް އެފްއޭއެމްއިން ބުނެފައިވާ އިރު، ބައެއް ކްލަބުތަކުން ބުނީ އެ ކްލަބުތަކުގެ ޑޮކިއުމަންޓްތައް އެފްއޭއެމްއިން އެޕްރޫވް ނުކޮށް ހުރުމުގެ ސަބަބުން ލައިސަންސް ނުލިބުނީ ކަމަށެވެ. ރާއްޖޭގެ ކްލަބުތަކަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނު މައްސަލަ ބެލުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިދިޔަ ހަފްތާގައި ވަނީ ކޮމިޓީއެއް އެކުލަވާލާފައެވެ.

އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކޮމިޓީގެ މައުލޫމާތާއި، ކޮމިޓީގެ ހިނގާނެ ގޮތާ ގުޅޭގޮތުން މި މަހު 13 ވަނަ ދުވަހު، މިނިސްޓަރު މަހުލޫފާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައްދަލު ކުރެއްވި ކަމަށެވެ. އަދި ފީފާއާއި އޭއެފްސީ، އަދި ބައިނަލްއަގުވާމީ ކުޅިވަރު ގަވަނަންސް އުސޫލުތަކުގެ ތެރެއިން އެއްވެސް މެމްބަރު އެސޯސިއޭޝަނެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ބެލުމާއި، އެފަދަ އެއްވެސް ކަމެއް ވިލަރެސް ކުރުމުގެ ބާރު ހަމައެކަނި ލިބެނީ ފީފާއާއި އޭއެފްސީއަށް ކަމަށެވެ. އަދި އެ އުސޫލުތަކުގެ ތެރެއިން ތިންވަނަ ފަރާތެއް (ތާޑް ޕާޓީ)އެއް، މައްސަލައެއް ބެލުމުގައި ބައިވެރިވުން އެއީ ގަވާއިިދުގެ ދަށުން ހުއްދަކުރާ ކަމަކަށްނުވާތީ އެކަމުގެ ލަފައަކަށް އޭއެފްސީގައި އެފްއޭއެމްއިން އެދުނު ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އެ ލަފައާ ގުޅިގެން އޭއެފްސީން އެފްއޭއެމްއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެފްއޭއެމްއަކީ މިނިވަން މުސްތަގިއްލު އެސޯސިއޭޝަނެއް ކަމަށާއި، އޭއެފްސީގެ އުސޫލުތައް ބުނާ ގޮތުން އެފްއޭއެމްގެ އެއްވެސް މައްސަލައެއް ބެލުމަށް، ނޫނީ އެފްއޭއެމް ހިންގުމުގެ ކަންތަކުގައިވެސް ތިންވަނަ ފަރާތަކަށް ބައިވެރި ނުވެވޭނެ ކަމަށެވެ.

އަދި އެފަދަ ކަންކަމަށް އޭއެފްސީން އަބަދުވެސް ބަހައްޓަނީ ޒީރޯ ޓޮލަރެންސް ކަމަށާއި، ރާއްޖޭގެ އެފްއޭއެމްގެ ކަންތައްތައްވެސް އޭއެފްސީން ކައިރިން ބަލަމުންދާ ކަމަށްވެސް އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ޑާޓޯ ވިންޑްސާ ޖޯން ސޮއިކޮށް، ފޮނުވާފައިވާ ސިޓީގައިވެއެވެ.

އޭއެފްސީގެ ލަފައާ އެކުވެސް މަހުލޫފުގެ ކޮމިޓީ މަސައްކަތް ކުރިއަށް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް
މިނިސްޓަރު އަހްމަދު މަހްލޫފް

އޭއެފްސީގެ އިންޒާރާއެކުވެސް މަހުލޫފު ނިންމެވީ ކޮމިޓީއައިގެން ކުރިއަށް ދާށެވެ. އޭނާ ވިދާޅުވީ ބަލާނެ މައްސަލައަކީ ދައުލަތުން ފުޓުބޯޅައަށް ކުރާ ހަރަދު ހިނގާނެ ގޮތުގެ ކަންކަން ކަމަށެވެ. ކުރިންވެސް ބުނެފައި ވާނީ އެފްއޭއެމްއަށް ނުވަންނާނެ ކަމަށެވެ.

އެހެން ނަމަވެސް، ފުރަތަމަ ބަލަން އުޅުނު ކްލަބު ލައިސަންސިންގެ މައްސަލަ ކަމަށްވެފައި، އެ މައްސަލައަކީ އެފްއޭއެމްގެ އެތެރޭގެ މައްސަލައަކަށްވުމުން މަހުލޫފު ފަހުން ވިދާޅުވީ ބަލަން ބޭނުން ވަނީ ހަރަދުތައް ހިނގާ ދިޔަގޮތް ކަމަށެވެ.

އެގޮތަށް މަހުލޫފު ފަހުން ޓްވީޓް ކުރެއްވުމުން އެފްއޭއެމްއިން ވަނީ އަނެއްކާވެސް މިއަދު ނޫސް ބަޔާނެއް ނެރެފައެވެ. އެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ކްލަބު ލައިސަންސިން މައްސަލަ ބަލަން އެކުލަވާލި ކޮމެޓީ، ފަހުން "ފެކްޓް ފައިންޑިން" ނޫނީ ހަރަދުތައް ހިނގާ ގޮތް ބަލާނެ ކޮމެޓީއަކަށް މިނިސްޓަރު ހެއްދެވުމުން އެކަމުން އެސޯސިއޭޝަނަށް ލިބުނީ ކުއްލި ސިހުމެއް ކަމަށެވެ.

އަދި އެފަދަ ގޮތްގޮތަށް މީސްމީޑިއާގައި ހާމަކުރާ ކަންތައްތަކުގެ ސަބަބުން ކްލަބުތަކަށާއި، އެސޯސިއޭޝަނުގެ ހައިބަތަށް އުނިކަން އަންނަމުންދާތީ އެކަމުގެ މައުލޫމާތުތައް މީޑިއާ ހިއްސާ ކުރާ ކަމަށްވެސް އެފްއޭއެމްގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެފްއޭއެމްއަކީ ބަރާބަރަށް އޮޑިޓް ކުރެވޭ ތަނެއް

ގައުމީ ޓީމުގެ ކުޅުންތެރިންނާއި ބައްސާމް ބައްދަލުކުރެއްވުން - ފޮޓޯ: އެފްއޭއެމް

އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވަނީ އެ އިދާރާއަކީ މީރާގެ އޭ ގްރޭޑް ފެންވަރުގެ އޮޑިޓަރުން ލައްވާ ކޮންމެ އަހަރަކު އެއްފަހަރު އޮޑިޓް ކުރާ މުއައްސަސާ އެއް ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް އަހަރީ އާންމު ޖަލްސާގައި އޮޑިޓް ރިޕޯޓް ހުށަހަޅާ ކަމަށާއި، ކޮންމެ އަހަރަކުވެސް އަހަރީ ބަޖެޓް ފާސްކޮށް، މިނިސްޓްރީއަށް ފޮނުވާ ކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައިވެއެވެ.

ފީފާ އަދި އޭއެފްސީން ކޮންމެ އަހަރަކު އިންޓަނޭޝަނަލް އޮޑީޓާސް، އާނެސްޓް އެންޑް ޔަންގް، ކޭޕީއެމްޖީ ފަދަ އޮޑިޓް ފާމްތަކުން ފޮނުވައިގެންވެސް އެފްއޭއެމް ބަރާބަރަށް އޮޑިޓް ކުރާ ކަމަށް އެ އިދާރާގެ ބަޔާނުގައި ބުނެފައިވާ އިރު، ފީފާ ފައިނޭންޝިލް ރެގިއުލޭޝަންގެ ދަށުން ފީފާ މެމްބަރު އެސޯސިއޭޝަން ތަކަށް ސަޕްރައިޒް އޮޑިޓް ވިޒިޓް ޓީމްތައް އައިސް، އެފްއޭއެމް އޮޑިޓް ކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެފްއޭއެމްއިން ނެރުނު ބަޔާނިގައި ބުނެފައި ވަނީ އެފްއޭއެމްއަށް މިނިސްޓްރީން ދޭ ބަޖެޓަކީ ކުއާޓާލީ ދޭ ބަޖެޓެއް ކަމަށާއި، އެހެން ކުޅިވަރު އެސޯސިއޭޝަން ތަކެކޭވެސް އެއްގޮތަށް، ބަޖެޓް ހަރަދުކުރާ ގޮތުގެ ތަފްސީލުވެސް އެފްއޭއެމްއިން ކުއާޓާލީ މިނިސްޓްރީއަށް ފޮނުވަމުންދާ ކަމަށެވެ.

އެފްއޭއެމްއިން ބުނެފައި ވަނީ ކުރިއެކޭވެސް އެއްގޮތަށް، މިނިސްޓްރީން ބޭނުންވެއްޖެ ހާލަތެއްގައި ތަފްސީލުތައް އަނެއްކާވެސް ހުށަހަޅަން ތައްޔާރު ކަމަށެވެ. އަދި އެސްއޯއީ މެދުވެރިކޮށް، ކްލަބުތަކަށް ސްޕޮންސަރުގެ ގޮތުގައި ދޫކުރާ ފައިސާ ހަރަދުވި ގޮތުގެ ތަފްސީލީ ރިޕޯޓުތައްވެސް ބަރާބަރަށް ކުންފުނިތަކަށް ފޮނުވާފައިވާނެ ކަމަށްވެސް އެފްއޭއެމްއިން ނެރުނު ބަޔާނުގައިވެއެވެ.

އެފްއޭއެމްއިން ބުނެފައި ވަނީ ރައްޔިތުންނަށް މައުލޫމާތު އޮޅޭ ގޮތަށް، ދެފަހަރު ދެ ގޮތަކަށް މިނިސްޓަރު ޓްވީޓް ކުރައްވާފައިވާތީ، އެގޮތަށް އެކަން ނުކުރުމަށާއި، ޒިންމާދާރު ކަމާއެކު އެފަދަ ވާހަކަތައް ދެއްކުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަބީބު

    ވަކަރުގޭގައިއުޅެ އިގިރޭސި ދެއަކރު ކިޔާލަންއެގުމުންނާ ރައީސްޔާމީނަށްނިސްބަތްކޮށް ހަޑިހުތުރުގޮވައިދިންކަމަށްޓަކައި މިނިސްޓަރުކަން! ދެން ކޮން ގޮތެއްހުންނަނީ ތިޔަ އެއްޗެތީގެ؟

    • މިންގަނޑު

      ހުރިހާ ކަމެއް ބަރާބަރު. އެކަމަކު ރައްޔިތުންގެ ފައިސާ ޚަރަދުކޮށްފައި ރައްޔިތަކު ދަނޑަކަށް މި ފުޓްބޯޅަ ބަލާކަށެއްނުވަދޭ. ޢަޅެ މީ ފީފާ އާއި އޭޢެފްސީގެ އުފަލަށް ހިންގާ ތަނެއްބާ؟

  2. ހުލޮ

    މީ ފުޅިމަދު އުގުރި

  3. ތެދު

    ތީ ރޯނުއެދުރެއް...ރީލޯޑޭ