ދުނިޔޭގެ ފުޓުބޯޅައާ ބެހޭ މައި ޖަމިއްޔާ، ފެޑަރޭޝަން އިންޓަނޭޝަނަލް ދި ފުޓްބޯލް އެސޯސިއޭޝަންސް (ފީފާ) ގެ ރައީސް ޖިއާނ އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

އިންފަންޓީނޯ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ހާމަކުރެއްވީގެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

އިންފަންޓީނޯއާއެކު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމަކަށްފަހު ބައްސާމް ވިދާޅުވީ ރައީސް ރާއްޖެ ވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމުގައެވެ. އަދި، މި ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާވެސް ބައްދަލު ކުރައްވަން ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމްގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ ފީފާ ކައުންސިލަށް އަދި އޭއެފްސީގެ އެކްސްކޯ އަށް ރާއްޖޭގެ ފަރާތުން ވާދަކުރައްވާ މަރިޔަމް މުޙައްމަދު (މާޔަން) އާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމުގައެވެ.

އެފްއޭއެމް އިން މިކަން ހާމަކުރައްވާފައިވާއިރު، ސަރަޙައްދީ ފުޓުބޯޅައިގެ މައި ޖަމިއްޔާ، އޭއެފްސީ އިން ވަނީ ރާއްޖޭގެ ޔޫތު މިނިސްޓްރީ އަށް އިންޒާރު ދީފައެވެ. އޭއެފްސީން ރާއްޖޭގެ ސަރުކާރަށް އިންޒާރު ދީފައިވަނީ އޭއެފްސީގެ މުބާރާތްތަކުން ރާއްޖޭގެ ޓީމުތަކަށް ފުރުޞަތު ގެއްލުމުން އެކަން ބަލަން އުޅުމުންނެވެ.

މިކަމާ ގުޅިގެން އެފްއޭއެމް އާއި ޔޫތު މިނިސްޓްރީއާ ދެމެދުވެސް މައްސަލަތަކެއް ޖެހިފައިވާކަމުގެ އަޑުތަކެއްވަނީ ފެތުރިފައެވެ.