އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ، އޭއެފްސީގެ ރައީސާއެކު ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބުކަމަށާއި، "ފެކްޓް ފައިންޑިން ކޮމިޓީ"ގެ މަސައްކަތްތައް ކުރިއަށްދާނީ އިމުގެ ތެރޭގައި ކަމަށް ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވެއްޖެއެވެ.

އަންނަ ސީޒަނަށް ރާއްޖޭގެ އެއްވެސް ކްލަބަކަށް، އޭއެފްސީ ކްލަބު ލައިސަންސް ނުލިބުނު މައްސަލަ ބެލުމަށް ޔޫތު މިނިސްޓްރީން ކޮމިޓީއެއް އެކުލަވާލުމުން، އެ މައްސަލަ އެފަދަ ގޮތަކަށް ބެލޭނެތޯ އެފްއޭއެމްއިން އޭއެފްސީގެ ފަރާތުން ލަފައަކަށް އެދުނެވެ. އޭއެފްސީން އެކަމުގެ ޖަވާބުގައި ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މައްސަލަ ތިންވަނަ ފަރާތަކަށް ނުބެލޭނެ ކަމަށާއި، އެފްއޭއެމްގެ ތެރެއަށް ތިންވަނަ ފަރާތެއް ވަނުމަށް މަސައްކަތް ކުރާނަމަ އެކަމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ،

އޭއެފްސީން އެހެން ބުނުމާއެކު މިނިސްޓަރު ވިދާޅުވީ، ބަލަން ބޭނުން ވަނީ ދައުލަތުން އެފްއޭއަށް ދިން ފައިސާގެ ހަރަދުތައް ކަމަށާއި، ކޮމިޓީގެ މަސައްކަތް ނުހުއްޓުވާނެ ކަމަށެވެ. އެހިސާބުން އެފްއޭއެމްއިން އަނެއްކާވެސް މިނިސްޓްރީއަށް ރައްދު ދީފައިވެއެވެ.

އެފްއޭއެމްއިން ބުނެފައި ވަނީ އެފްއޭއެމްއަކީ ބަރާބަރަށް، އަހަރުން އަހަރަށް އޮޑިޓް ކުރާ މިނިވަން އިދާރާއެއް ކަމަށާއި، އެ އިދާރާގެ އެފަދަ މައްސަލަތައް ބަލަން ޖެހޭ ފަރާތްތައް ކަމަށްވާ، ފީފާއާއި އޭއެފްސީންވެސް އެފްއޭއެމްގެ އޮޑިޓްތައް ބަރާބަރަށް ކުރިއަށް ގެންދާ ކަމަށެވެ.

އެފްއޭއެމްއާއި ޔޫތު މިނިސްޓްރީ ކޯޅުންގަނޑެއްގެ ތެރޭގައި ވަނިކޮށް، ދާދިފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ފީފާގެ ރައީސް، އިންފެންޓީނޯއާ ބައްދަލުކޮށްފައެވެ. ބައްސާމް ވިދާޅުވީ ދާދި އަވަހަށް ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ޔޫތު މިނިސްޓަރު މަހުލޫފުވެސް މިއަދު އޭއެފްސީގެ ރައީސް، ޝެއިޚް ސަލްމާންއާ ބައްދަލުކޮށްފައިވާ އިރު، އެ ބައްދަލުވުމަށްފަހު މިނިސްޓަރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މަޝްވަރާތައް ކާމިޔާބު ކަމަށާއި، ފީފާގެ އެއްވެސް އުސޫލެއްގެ ބޭރުން އެއްވެސް ކަމަކަށް ބާރު ނުފޯރުވާނެ ކަމުގެ ޔަގީންކަން އޭއެފްސީ ރައީސަށް ދީފައިވާނެ ކަމަށެވެ.

އޭގެ އިތުރުން ފެކްޓް ފައިންޑިން ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާނީ އިމުގެ ތެރެއިން ކަމުގައިވެސް މިނިސްޓަރު ޓްވީޓުގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރީލޯޑު ވަޒީރު

    ރީލޯޑޭ ސައިޒު ކޮށްލާފަ ތިހިރީ. ވަރަށް ފުއްޕިއްޖެނު.

  2. ގަންޖާޖީ

    އެހެހެހެ މާ ފުއްޕާލާފަ އުޅެނިކޮށް ސައިޒްކޮށްލީދޯ. މިނިސްޓަރ އޮފް ރިލޯޑްއެފެއާރސް.