މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙުމަދު މަހުލޫފު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ޝައިޚް ސަލްމާންއާ އަނެއްކާވެސް ބައްދަލު ކުރައްވައިފިއެވެ.

ސްޕޯޓްސް މިނިސްޓަރ މަހުލޫފު ކުރައްވާފައިވާ ޓްވީޓެއްގައި އޭނާ ވިދާޅުވީ މިއަދު މަޝްވަރާ ކުރައްވާފައިވަނީ ރާއްޖޭގެ ފުޓުބޯޅަ ތަރައްޤީ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުންކަމުގައެވެ. އަދި، ރާއްޖޭގައި ބީޗް ސޮކަރ އަށްވެސް ދޭ ސަމާލުކަން އިތުރު ކުރަން ޖެހޭކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

އިއްޔެވެސް އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން އާއި މިނިސްޓަރު މަހުލޫފު ވަނީ ބައްދަލުކުރައްވާފައެވެ. އިއްޔެ ބައްދަލުވުމަށްފަހު މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމުގައެވެ. ހަމައެހެންމެ، ފީފާގެ އެއްވެސް އުސޫލުލަކާ ޚިލާފު ނުވާނެކަމުގެ ޔަޤީންކަން އަރުވާ، އެފަރާތްތަކުގެ ލަފާތަކަށް މަރުޙަބާ ވިދާޅުވާނެކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

މީގެއިތުރުން، މިނިސްޓަރު އުފައްދަވާފައިވާ "ފެކްޓް ފައިންޑިންގ ކޮމިޓީ" ދެން މަސައްކަތް ކުރާނީ އިމުގެ ތެރެއިންކަމަށްވެސް ވިދާޅުވިއެވެ.

އަންނަ ސީޒަނަށް ރާއްޖޭގެ އެއްވެސް ކްލަބަކަށް، އޭއެފްސީ ކްލަބު ލައިސަންސް ނުލިބުނު މައްސަލަ ބެލުމަށް ޔޫތު މިނިސްޓްރީން ކޮމިޓީއެއް އެކުލަވާލުމުން، އެ މައްސަލަ އެފަދަ ގޮތަކަށް ބެލޭނެތޯ އެފްއޭއެމްއިން އޭއެފްސީގެ ފަރާތުން ލަފައަކަށް އެދުމުން، ޖަވާބުގައި އޭއެފްސީ އިން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މައްސަލަ ތިންވަނަ ފަރާތަކަށް ނުބެލޭނެ ކަމަށާއި، އެފްއޭއެމްގެ ތެރެއަށް ތިންވަނަ ފަރާތެއް ވަނުމަށް މަސައްކަތް ކުރާނަމަ އެކަމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.