ޗެލްސީއާއި ވަޓްފޯޑް ރޭ ކުޅުނު މެޗު، 2-1ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކުރި އިރު، މެޗުގައި ދެ ގޯލްވެސް ޖެހީ ޗެލްސީގެ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑެވެ.

ހަޒާޑް ރޭގެ މެޗުގައި ޖެހި ދެ ގޯލާއެކު އޭނާ ޗެލްސީއަށް ކާމިޔާބުކޮށްދިން ގޯލްގެ އަދަދު 101 އަކަށް އަރާފާވާ އިރު، މެޗަށްފަހު އޭނާ ބުނެފައި ވަނީ ބޭނުން ވަނީ ޗެލްސީގެ ލެޖެންޑުންގެ ލިސްޓްގައި އޭނާގެ ނަންވެސް ހިމެނުމަށް ކަމަށެވެ.

" ޗެލްސީއަކީ އަހަރެންގެ ހިތުގައި ހާއްސަ ކްލަބެއް. މި ކްލަބަށް 101 ގޯލް ޖެހުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާ ފަހުރެއް. އަހަރެން ބޭނުން ވަނީ ލެމްޕާޑާއި، ޑްރޮގްބާ އަދި ޓެރީ ފަދަ ޗެލްސީ ލެޖެންޑަކަށް ވާން،" 2015 އަދި 2017 ވަނަ އަހަރުގު ޕްރިމިއާ ލީގު ތަށިވެސް ޗެލްސީއާއެކު ހޯދި ހަޒާޑް ބުންޏެވެ.

މި ސީޒަން ފެށުމުގެ ކުރިން، ހަޒާޑް ޗެލްސީ ދޫކޮށް ރެއާލްއަށް ބަދަލުވާނެ ކަމުގެ ވާހަކަތައް ގަދަވެފައިވާ އިރު، އޭނާވެސް ވަނީ ރެއާލްއަށް ކުޅުމުގެ ވިސްނުން ގެންގުޅޭކަން އެކިފަހަރު މަތިން ހާމަކޮށްފައެވެ. އެހެން ނަމަވެސް، ހަޒާޑް އަބަދުވެސް ބުނަމުން ދަނީ އަދި ޗެލްސީ ދޫކޮށް ނުލާނެ ކަމަށެވެ.

ހަޒާޑަކީ ޗެލްސީއަށް 100 އަށްވުރެ ގިނަ ގޯލް ޖެހި 10 ވަނަ ކުޅުންތެރިޔާއެވެ. ހަޒާޑް ޗެލްސީއަށް 101 ގޯލް ހަމަކޮށްފައި ވަނީ ކުޅުނު 322 މެޗުންނެވެ. ރޭގެ މެޗުން މޮޅުވެ ޗެލްސީ ވަނީ ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު