ކުރިން ކްލަބަށް ކުޅުނު ބްރެޒިލްގެ ތަރި ނޭމާއާއި، ބާސެލޯނާގެ ކޯޗު ކަމުގައި ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު، ޕެޕް ގާޑިއޯލާ އަނބުރާ ބާސާއަށް ދިޔުމަކީ އަދިވެސް އެދޭ ކަމެއް ކަމަށް، ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

މި އަހަރު އޯގަސްޓް މަހުގެ ތެރޭގައި ބާސާ ދޫކޮށް، ނޭމާ ޕީއެސްޖީއާ ގުޅިފައި ވަނީ ދުނިޔޭގެ ރެކޯޑު 222 މިލިއަން ޔޫރޯގެ އަގަކަށެވެ. ނޭމާ ބާސާ ދޫކޮށް ގޮސްފައި ވަނީ ކާމިޔާބު ހަތަރު ސީޒަނެއް ހޭދަ ކުރުމަށްފަހުގައެވެ.

އެގޮތުން މެސީއާއެކު ނޭމާ ވަނީ ބާސާގައި ދެ ފަހަރަށް ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް، ބާސާ ދޫކޮށްލުމަށް ނޭމާ ދެއްކި އެންމެ ބޮޑު އުޒުރަކީވެސް މެސީގެ ހިޔަނިން ސަލާމަތްވެ ކެރިއަރުގައި ކުރިއަށް ދިޔުމެވެ.

ޕީއެސްޖީގެ ފައިނޭންޝިއަލް މައްސަލަތައް ހުރި ގޮތުން، މިހާރު ކްލަބުން ނޭމާ ނޫނީ ކިލިއަން އެމްބާޕޭ ދޫކޮށްލަން މަޖުބޫރުވެފައިވާ ކަމަށް ބައެއް މީޑިއާތަކުގައި އަޑު ފެތުރިފައިވާ އިރު، އެކަމާ ގުޅިގެން މެސީ ބުނީ ނޭމާއަކީ ޓީމުގެ މަސްލަހަތު ހިފެހެއްޓުމަށް މުހިއްމު ކުޅުންތެރިއެއްގެ އިތުރުން ހުނަރުގެ ގޮތުންވެސް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ.

އެހެން ކަމުން ނޭމާ ކްލަބަށް އަނބުރާ ދިޔުމަކީ އަބަދުވެސް ބޭނުންވާނެ ކަމެއް ނަމަވެސް، ޕީއެސްޖީން އެކަން ވިޔަ ނުދޭނެކަންވެސް މެސީ ފާހަގަކުރިއެވެ.

ކުރީ ކޯޗު ގާޑިއޯލާއާ ގުޅިގެން މެސީ ބުނީ، ސިޓީއާއެކު ގާޑިއޯލާ ކުރަމުންދަނީ ތަފާތު މޮޅު މަސައްކަތެއް ކަމަށާއި، އަބަދުވެސް ގާޑިއޯލާއާއެކު މަސައްކަތް ކުރަމަކީ ބޭނުންވާނެ ކަމެއް ކަމަށެވެ. މެސީ ބުނީ ގާޑިއޯލާއަކީ މިހާރުވެސް ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗު ކަމަށާއި، ބާސާއާއެކު ގާޑިއޯލާ ހޯދި ކާމިޔާބީއަކީ ތާރީހީ ކާމިޔާބީތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު