ޑުބާއީގައި އަންނަ މަހު ފަށާ އޭޝިއަން ކަޕަށް އިންޑިއާގެ 23 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކޮށްފިއެވެ.

މިއަހަރުގެ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ ހިމެނެނީ ގްރޫޕް އޭގައެވެ. އިންޑިއާގެ އިތުރުން އެ ގްރޫޕްގައި ހިމެނެނީ ބަހްރެއިންއާއީ ޔޫއޭއީ އަދި ތައިލެންޑެވެ. އިންޑިއާއިން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ.

އިންޑިއާގެ ހެޑް ކޯޗު، ސްޓިފަން ކޮންސްޓެންޓައި، 23 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކޮށްފައި ވަނީ އޮމާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުވެސް އޮތުމުންނެވެ. އޭގެ އިތުރުން މުބާރާތުގެ ކުރިން އަދި އެއް މެޗު އިންޑިއާއިން ކުޅޭނެއެވެ. އެ މެޗު ކުޅޭނީ ކްލަބަކާ ދެކޮޅަށެވެ.

އިންޑިއާއިން 30 ކުޅުންތެރިންގެ ސްކޮޑަކާއެކު ތަމްރީނުތައް ފުރިހަމަ ކުރާތާ ދުވަސްކޮޅެއް ވެފައިވާ އިރު، އެ ސްކޮޑުގެ ތެރެއިން ބައެއް ޒުވާން ކުޅުންތެރިން ބާކީވެފައިވެއެވެ. އެގޮތުން މިއަހަރު ބަންގާޅުގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި އެޓީމުން ފާހަގަކޮށްލެވުނު މަންވީރު ސިންހް، ފާރޫގް ޗޯދުރީ އަދި ލަލިއަންޒުއާލާ ޗާންގްޓޭ އަދި ލަލިރުއާތާވެސް 23 ކުޅުންތެރިންގެ ސްކޮޑުގައި ލައްވާލާފައެއް ނުވެއެވެ.

އޭގެ އިތުރުން ތަޖުރިބާކާރު ގޯލްކީޕަރު އަރިންދަމްވެސް ވަނީ ފަހުވަގުތު ސްކޮޑުން ބޭރުވެފައެވެ.

އިންޑިއާގެ ޓީމުގައި ޖޭޖޭ ލާލެޕެކްލޫ، އުދަންތާ ސިންހް، ސަންދޭޝް ޖިންގަން، ގޯލްކީޕަރު ގުރަޕްރީތު ސިންހް ސަންދޫ، އާޝިގު ކުރުނިޔަންގެ އިތުރުން ސުނިލް ޗެތުރީ ހިމެނުނުކަން ފާހަގަކޮށްލެވެއެވެ.