ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑިފެންޑަރު، އަހުމަދު އަބްދުﷲ (ލިލީ)ގެ އުފަން ރަށް، ޅ. ހިންނަވަރުގެ ފުޓުބޯޅައަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކުރިއެރުމަކީ 'ލިލް އެކަޑެމީ"އެވެ.

ހިންވަރުގެ ފުޓުބޯޅަ ކުރިއެރުވުމުގެ އެންމެ މުހިއްމު ރޯލެއްވެސް އަދާކުރާ 'ލިލް އެކަޑެމީ'ގައި މިހާރު 80 އަށްވުރެ ގިނަ ކުދިން ތަމްރީނުވަމުން ދެއެވެ. މޭސްތެރިޔާ ލިލީގެ މަސައްކަތުގެ ފޮނި ނަތީޖާ، ހާސިލްވަމުންދާ ކަމުގެ ނިޝާންތައްވެސް ކުޅުންތެރިންގެ ފަރާތުން ފެންނަމުން ދެއެވެ.

ރަށާ ކައިރީގައި އޮންނަ ރިސޯޓުން ހިންގާ ހާއްސަ ޕްރޮގްރާމެއްގެ ދަށުން ލިލީ އެކަޑެމީގެ 10 ކުއްޖަކު ވަނީ، މެންޗެސްޓާ ޔުނައިޓެޑް، އަދި އިނގިރޭސި ގައުމީ ޓީމުގެވެސް ލެޖެންޑް ރިއޯ ފާޑިނެންޑާއެކު ހާއްސަ ތަމްރީނުތަކެއް ހަދާފައެވެ. ތަމްރީނުތަކަށް ތިން ދުވަހު ލިލީގެ 'ލިލް އެކަޑެމީ' ކުދިން ކުރެއްދޫއަށް ގޮސްފައިވާ އިރު، ކުރެއްދޫގެ ފުރުސަތާއެކު ކުދިންނަށް ލިބިގެން ދިޔައީ ހާއްސަ ޝަރަފެކެވެ.

" މިފަދަ ފުރުސަތެއް ލިބި، 10 ކުދިންގެ ތެރޭގައި ހިމެނުނީތީ އެކަޑެމީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، ހާއްސަކޮށް ރިއޯ ފާޑިނެންޑާއެކު ތަމްރީނުތައް ހެދުމަށް ލިބުނު ފުރުސަތަށް ޝުކުރު އަދާކުރަން. ވަރަށް ރަނގަޅު އެކްސްޕީރިއަންސެއް މިއީ،" ލިލް އެކަޑެމީގެ ކުޅުންތެރިޔަކު ބުނެފައިވެއެވެ.

ލިލީ، ފާޑިނެންޑާއެކު ---

ފުރުސަތާ ގުޅިގެން 'ލިލް އެކަޑެމީ'ގެ މޭސްތެރިޔާ ލިލީ "ވަގުތު"އަށް ބުނީ، ފުރުސަތަކީ ބޮޑު ފުރުސަތެއް ކަމަށާއި، ހުރިހާ ޝުކުރެއް ކުރެއްދޫ ރިސޯޓަށް ކަމަށެވެ.

"ވަރަށް އުފާވެފަ ހުރިހާ ކުޅުންތެރިންވެސް ތިބީ. ތިން ދުވަހު، ކޮންމެ ދުވަހަކު ދެ ގަޑިއިރު ފާޑިނެންޑާއެކު ހާއްސަ ތަމްރީނުތަކަކަށް ފުރުސަތު މި ލިބުނީ. ހުރިހާ ކުޅުންތެރިންވެސް ވަރަށް ބޮޑަށް އެކްސައިޓްވެފައި ތިބީ. ހާއްސަކޮށް ފާޑިނެންޑް ކަހަލަ ލެޖެންޑަކާއެކު ތަމްރީނު ކޮށްލުމުގެ ފުރުސަތެއް ލިބުނީތީ،" ލިލީ ބުންޏެވެ.

ލިލީ ބުނެފައި ވަނީ އުންމީދަކީ އަންނަ އަހަރުވެސް ކުރެއްދޫއިން އެ ފުރުސަތު ދިނުން ކަމަށާއި، އެކަޑެމީއަށް އެފަދަ ފުރުސަތެއް ދިން ކަމަށްޓަކައި، ކުރެއްދޫއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ލިލް އެކަޑެމީގެ ކުދިން ތަމްރީނު ވެފައި ވަނީ 'ފުޓްބޯލް އެސްކޭޕްސް'ގެ ނަމުގައި ކުރެއްދޫ މޯލްޑިވްސްއިން ހިންގާ ކޯޗިން ކޭމްޕުގައެވެ. ފުޓްބޯލް އެސްކޭޕްސް ކޭމްޕަކީ އުމުރުން ފަސް އަހަރާ 15 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ހިންގާ ފަސް ދުވަހުގެ ކޯޗިން ކޭމްޕެކެވެ.

ކޯޗިން ކޭމްޕުގެ ތަފާތަކީ އިރުޝާދު ދޭ ކޯޗުންނެވެ. ކުރެއްދޫއިން، އެ ކޯޗިން ކޭމްޕުގައި އިރުޝާދު ދިނުމަށް ގެންނަނީ ދުނިޔޭގެ ލެޖެންޑްރީ ކުޅުންތެރިންނެވެ. އޭގެ އިތުރުން ޔޫއެފާ ޕްރޯ ލައިސަންސްގެ ވަރުގަދަ ކޯޗުންނެވެ. ހާއްސަކޮށް ޕްރިމިއާ ލީގުގެ ލެޖެންޑުންނެވެ.

މިފަހަރުގެ ކޯޗިން ކޭމްޕްގެ ތަރިއަކީ ފާޑިނެންޑު ކަމަށްވާ އިރު، އިންޑިވިޖުއަލް ކުދިން ބައިވެރި ކުރުމަށް ހާއްސަ ފީއެއްވެސް ރިސޯޓުން ނަގައެވެ. ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް ޓްރެއިނިން ކިޓެއްގެ އިތުރުން ނިންމުމުން، ނިންމި ކަމުގެ ލިޔުމެއްގެ އިތުރުން މެޑަލްވެސް ދެއެވެ. އެ ތަމްރީނު ތަކުގައި ބައިވެރިވުމުގެ އަގަކީ 750 ޑޮލަރެވެ.

ލެޖެންޑް ފާޑިނެންޑް ކުރެއްދޫގައި ކޯޗިންގެ ހަރަކާތްތައް ހިންގަމުންދާ އިރު، އޭނާ ޗުއްޓީއަށް ރާއްޖެ އައިސްފައި ވަނީ އާއިލާއާވެސް އެކުގައެވެ. އިންސްޓަގްރާމްގައި ޕޯސްޓެއްވެސް ކޮށްފައިވާ އިރު، ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާ ކުރުމަށްފަހު ފާޑިނެންޑް ފާހަގަކޮށްލެވެނީ ޓީވީ އެނަލިސްޓެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު