ފުޓްބޯޅަ ފެޑަރޭޝަން އޮފް މޯލްޑިވްސް( އެފްއޭއެމް) އަށް އަމާޒުކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރައްދު ދެއްވައިފިއެވެ.

މިއަދު ފަރުކޮޅުގައި ބޭއްވި ފުޓްބޯޅަ އެވޯޑްސް 2018 ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ތެރޭގައި ކޮރަޕްޝަން އަކީ ވަރަށް ބީރަށްޓެހި ބަހެއްކަމަށެވެ. އެފްއޭއެމްއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވާ މި ދަނޑިވަޅުގައި ބައްސާމް ވިދާޅުވީ އެފްއޭއެމްގެ އަކީ ވަރަށް ރަނގަޅަށް އޮޑިޓް ކުރެވިގެން ހިންގަމުން އަންނަ ތަނެއްކަމަށާއި އެހެންކަމުން އެފްއޭއެމްއަކީ ކޮރަޕްޝަންއާއި ވަރަށް ދުރުތަނެއްކަމަށެވެ.

"އެފްއޭއެމްއަކީ ތިން ފަރާތަކުން ކޮންމެ އަހަރަކު އޮޑިޓް ކުރެވިގެންދާ ތަންތަން. އިންޓަނޭޝަނަލް ދެ އޮޑިޓާސްއިން އެފްއޭއެމް އޮޑިޓް ކުރާނެ. އަދި ހަމަ އެއާއި އެކީގައި ރާއްޖޭގެ މީރާ ގަބޫލުކުރާ އޭ ގްރޭޑް އޮޑިޓާސް ރާއްޖޭގެ ހުރިހާ ކަމެއް އޮޑިޓް ކުރަމުން ދާނެ. މި އޮޑިޓް ރިޕޯޓުތަކަކީ އަޅުގަނޑުމެންގެ ހުރިހާ މެންބަރުންނަށް ކޮންމެ އަހަރަކު ހިއްސާކުރަމުން ގެންދާ ކަންތައްތައް. އަދި ހަމަ އެޔާއި އެކު ދައުލަތުން އަޅުގަނޑުމެންނަށް ދެއްވާ ބަޖެޓު އަހަރަކަށް 1.2 މިލިއަން ރުފިޔާ، މިއީ ކުއާޓާ ތަކަށް ބެހެވިގެންދާ އެއްޗެއް، އަދި ކޮންމެ ކުއާޓާއެއްގައި އަޅުގަނޑުމެން ފައިސާ ހަރަދުވި ގޮތުގެ ރިޕޯޓު ހުށައެޅުމުން ނޫނިއްޔާ ދެން އަންނަ އަހަރެއްގެ ފައިސާ ދުލެއް ނުކުރާނެ. އެހެންވީމާ އެފްއޭއެމްއަކީ ފައިސާގެ ކަންކަން ވަރަށް ރަނގަޅަށް ބެލެވިގެންދާ ތަނެއް" ބައްސާމު ވިދާޅުވިއެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި ނަމަވެސް އެފްއޭއެމްއިން މަސައްކަތް ކުރަމުން އަންނަނީ އެ ގޮންޖެހުންތަކާއި އެކުގައިވެސް ދިވެހި ފުޓްބޯޅަ ކުރިއެރުމަށް ކަމަށެވެ.

އަދި މީގެ ކުރިން އެފްއޭއެމްގެ ތެރޭގައި ކަންތައް ހިނގާފައިވަނީ ކޮރަޕްޝަންއަށް މަގުފަހިވާ ގޮތައް ކަމަށާއި މީގެ ކުރީގެ އެފްއޭއެމްއާއި މިހާރުގެ އެފްއޭއެމްއާއި ހާސްގުނަ ތަފާތުވާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް މިހެން ވިދާޅުވެފައިވާ އިރު، ރާއްޖޭގެ ކްލަބުތަކަށް އޭއެފްސީ ލައިސަންސް ނުލިބުމުގެ މައްސަލަތައް ބެލުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެކުލަވާލި "ފެކްޓް ފައިންޑިން" ކޮމިޓީގެ ތެރެއިންވެސް އެފްއޭއެމްގެ މާލިއްޔަތުގެ ވާހަކަތަކެއް ވަނީ ދައްކާފައެވެ.

"ފެކްޓް ފައިންޑިން" ކޮމިޓީއަކީ އެފްއޭއެމްގެ ފައިސާއަށް ވާނުވާ ބަލާނެ ކޮމިޓީއެއް ކަމަށް ބުނުމުން އެކަމަށް އެފްއޭއެމްއިން ރައްދު ދީފައިވާ އިރު، އޭއެފްސީންވެސް ބުނީ އެފްއޭއެމްގެ ކަންތައްތައް ބެލުމަށް ތިންވަނަ ފަރާތަކަށް ނުވަދެވޭނެ ކަމަށެވެ.