ޤައުމީ ފުޓުބޯޅަ ޓީމުން، ކީޕަރު އިމްރާން މުޙައްމަދު ރިޓަޔާ ކުރާ މެޗުގައި، އެފްއޭއެމް ޓީމުގެ ކޯޗުކަން ކުރައްވާނީ މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަހީދުކަން އިއުލާން ކުރައްވައިފިއެވެ. އެފްއޭއެމް އިން މިކަން އިއުލާން ކުރެއްވީ މިއަދުއެވެ.

އެފްއޭއެމްއިން ހާމަކޮށްފައި ވަނީ އިމްރާންގެ ރިޓަޔާމަންޓް މެޗުގައި ކުޅޭނީ އިމްރާންގެ 11އަކާއި އެފްއޭއެމްގެ 11 އެކެވެ.

މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި މިނިސްޓަރު އަލީ ވަހީދު ކޯޗުކޮށްދެއްވާނީ އެފްއޭއެމްގެ11 އަށް ކަމުގައިވާއިރު، އެޓީމަށް ދުނިޔޭގެ މަޝްހޫރު ދެ ކުޅުންތެރިޔަކު ކުޅޭނެއެވެ. އެއީ އނގިރޭސި ކްލަބު، މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް، ޕީޓާ ޝޫމައިކަލް އަދި ސްޕޭންގެ ކުލަބު ރެއާލް މެޑްރިޑްގެ ލެޖެންޑް މައިކަލް ސަލްގާޑޯ އެވެ.

އަލީ ވަހީދަކީ މީގެކުރިންވެސް ފުޓުބޯޅަ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އިނގިރޭސިވިލާތުގެ ނޮން-ލީގު ކުލަބެއްކަމުގައިވާ ސައުންލަންޑަން ފުޓްބޯލް ނެޓްވަރކް އެފްސީގެ ކޯޗުކަން އޭނާ ކުރައްވާފައިވެއެވެ.

ހަމައެހެންމެ، އަލީ ވަހީދަކީ އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ލެވެލް 2 ގެ ކޯޗިންގ ސެޓްފިކެޓް އޮންނަ ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު