ގައުމު ތަމްސީލު ކުރުމުގައި ހަރުދަނާ ލީޑަރެކެވެ. ޒުވާން ޖީލުތަކަށް ނަމޫނާއެކެވެ. ކުޅުންތެރިޔަކަށް ދެވޭނެ އެންމެ ބޮޑު ލޯތްބެއް ހާސިލް ކޮށްފައިވާ ހުނަވެރިއެކެވެ. އެތަކެއް ގުރުބާނީއެއް ގައުމަށްޓަކައިވެ، ގައުމަށް ރީތި ނަމާ ޝަރަފު ގެނެސްދިން ބަތަލެކެވެ.
ގައުމީ ޖާޒީގައި، ގައުމީ ދިދަ 17 އަހަރު ރަމްޒުކޮށްދިން: އެ ދިގު ތާރީހަށްފަހު މިރޭ، އިމްރާން މުހައްމަދު (އިންމަ) ނުކުންނާނީ ފަހު ފަހަރު ގައުމީ ޖާޒީގައެވެ. އެތަގެއް ލެޖެންޑުންނާއެކު، ލެޖެންޑްރީ މެޗަކަށެވެ. އިންމައަށް ހައްގުވާ ޝަރަފުވެރި މެޗަކަށެވެ.
މީގެ ދެ އަހަރު ކުރިން، 2016 ވަނަ އަހަރު އިންމަ ގައުމީ ޓީމުން ރިޓަޔާ ކުރިކަން އޭނާ އިއުލާން ކުރި ހިސާބުންވެސް، ދިވެހި އެތައް ސަޕޯޓަރުންނެއް ގޮވަމުންދިޔައީ، ޝަރަފުގައި އޭނާގެ ގައުމީ ކެރިއަރު ނިންމާލުމަށް ފުރުސަތު ދިނުމަށެވެ. އެކަމަށް އެފްއޭއެމްއިން ތައްޔާރުވަމުންދިޔަ ނަމަވެސް، އަމަލީ ސިފައެއް ނައިސް އޮތް އޮތުމަށް ގިނަ ބަޔަކު ފާޑުވެސް ކިޔާފައިވެއެވެ.
ކޮންމެއަކަސް، މިރޭ އޮންނަ ހާއްސަ މެޗަކީ އިންމަގެ ހިދުމަތަށް ދިވެހިން ހަދިޔާ ދޭންވީ މެޗެވެ. ޓިކެޓް ކަނޑާފާ ވަދެ، ދަނޑު ފުރާލަންވީ މެޗެވެ. ގައުމީ ގޯލް ބެލެހެއްޓުމުގައި ފަހަތަށް ނުޖެހި، އިންމަ ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރަންވީ މެޗެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއާ ދިމާކޮށް، މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު، ލެޖެންޑްރީ ގޯލްކީޕަރު ޕީޓާ ޝޫމައިކަލް އަދި ރެއާލްއަށް ކުޅުނު ލެޖެންޑް މިޝޭލް ސެލްގާޑޯވެސް ރާއްޖެއައިސްފައިވާ އިރު، އެ ދެ ކުޅުންތެރިންވެސް އިންމަގެ ޝަރަފުވެރިކަމުގެ މެޗުގައި ކުޅޭނެއެވެ. ލެޖެންޑްރީ ގޯލްކީޕަރެއްގެ ވަދާއީ މެޗެއްގައި، ދުނިޔޭ ފެންވަރުގައި ފާހަގަކޮށްލެވުނު، އަދި ދުނިޔޭގެ ފުޓުބޯޅަ ލެޖެންޑުންތަކެއް، ހާއްސަކޮށް ގޯލްކީޕަރެއް ބައިވެރިވުމަކީ އެންމެ އުފާވެރި އެއް މަންޒަރެވެ.
ޓިކެޓް ފައިސާގެ ބައެއް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް
އިންމަ، ރަސްމީކޮށް ގައުމީ ޓީމުން ރިޓަޔާ ކުރާ މެޗުގެ ޓިކެޓް ފައިސާއިން ބައެއް، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީއަށް ދިނުމަށް ވަނީ ނިންމާފައެވެ.
އިންމަ ފަދަ ކުޅުންތެރިއެއްގެ ރިޓަޔާމަންޓް މެޗަކަށް މިއީ އެންމެ އެކަށޭނެ އުސޫލެކެވެ. އިންމައަކީ ހަމައެކަނި ފުޓުބޯޅަ ކުޅުންތެރިއެއް ނޫނެވެ. ކްލަބު ލެވެލްއާއި ގައުމީ ލެވެލްގައި މެޑަލްތައް އަޅާލުމުގެ އިތުރުން އިންމައަކީ، ގައުމީ ހިދުމަތްތެރިއެކެވެ. އެކިއެކި ގޮތްގޮތުން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް މުޖުތަމައު އަހުލުވެރި ކުރުވާލި ކުޅުންތެރިއެކެވެ.
އިންމައަށް ދެވިހީން ދިން ލޯބި، އޭނާއަށް ދިނީ ހަމައެކަނި ދަނޑު މައްޗަކުން ނޫނެވެ. ދަނޑު ބޭރުންވެސް މެއެވެ. މިއަހަރު މާލޭ ލީގުގައި ނިއު ރޭޑިއަންޓަށް ޝީލްޑް ލިބުމުން، ޝީލްޑާ ހަވާލުވެ، މެޑަލް އަޅުވާލަންވެސް އިންމަ ދިޔައީ، ފުޓުބޯޅައަށް މަރުދޭ، ފުޓުބޯޅައަށް އިންތިހާއަށް ލޯބިކުރާ، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާ އެކުގައެވެ.
އެހިސާބުންވެސް އިންމަގެ ކެރެކްޓާ، އޭނާގެ ޑިސިޕްލިން ވަރަށް ބޮޑަށް ސާފުވެއެވެ. ގައުމީ ބޮޑެތި ކެމްޕޭންތަނުގައިވެސް އިންމައަކީ ނަމޫނާ އެތުލީޓެކެވެ.
އިންމަގެ ރިޓަޔާމަންޓަކީ ފެށުމަކަށް ވާން ޖެހޭ
ރާއްޖޭގެ ގައުމީ ލެވެލްގައި، ކާމިޔާބީތަކަށްފަހު ކުޅުންތެރިން ރިޓަޔާކުރުމަކީ މާ ބޮޑު ކަމަކަށް ނުވެއެވެ. ދިހަ ބާރަ އަހަރު ގައުމީ ޓީމާއެކު، ރައްޔިތުން ތަމްސީލުކޮށް، އެނބުރި ގެއަށް ވަންނާނީ ވަދާއީ މެޗަކާވެސް ނުލައެވެ. ހަގީގަތުގައި ކުޅިވަރަށް ޒުވާނުން ނެރެ، ގައުމީ ޖޯޝު އުފެއްދުމަށް އަގުވަޒަން ކުރަން މުހިއްމެވެ.
ފުޓުބޯޅަ އެކަންޏެއްވެސް ނޫނެވެ. ހުރިހާ ކުޅިވަރަކަށްވެސް އެ އުސޫލު ހަމަހަމަވާން ޖެހެއެވެ. ގައުމީ ޓީމަށް ކުޅެ، ގައުމަށް ރީތި ނަމާ ޝަރަފު ހޯދައިދޭ ކުޅުންތެރިންގެ ކެރިއަރު ނިންމާލުން ވެގެންދާން ޖެހޭނީ ޝަރަފަކަށެވެ. އިންމަގެ މެޗަކީ އެކަމުގެ ފެށުމަކަށް ވާން ޖެހެއެވެ.
މިރޭ ގައުމީ ދަނޑު ފުރާލުމަކީ އިންމައަށް، ގައުމުން ދޭން ޖެހޭ ހަދިޔާއެވެ، އޭނާގެ ބުރަ މަސައްކަތަށް، އޭނާ ގެނެސްދިން މެޑަލްއަށ،ް ގެނެސްދިން ހިނިތުންވުމަށް ދޭން ޖެހޭ ޝަރަފެވެ. ދެވަނަ އިންމައެއް މި ގައުމުން ނުކުތުން ނާދިރެވެ. އެފަދަ ހިދުމަތްތެރި ކުޅުންތެރިއެއް، ދުނިޔޭގައިވެސް މަދުވާނެއެވެ. ގައުމީ ދަނޑުން އިންމައަށް ލޯބި ބަންޑުން ކޮށްލަން ޖެހެއެވެ.
ނުދާނަން ތީ ދެން ކާކު .. އެއްވެސް މީހަކު ދަނޑަށް ނުދިއުމަށް ގޮވާލަން....
ތީކީ ނަމޫނާއަކައް ބަލަން މާރަނގަޅު ކުޅުންތެރިއެއް ނޫން.
މި މެޗް ހަމަޖައްސާފަ މިއޮތީ ނުބައި ރެޔަކަށް. ޢިންގްލިޝް ޕްރެމިއަރ ލީގް މެޗްތަކެއް އޮތް ރެއަކު މިތަނަށް ދާނެ މީހުން މަދުވާނެ. މިއަށް ވުރެ ރަނގަޅަށް ކަންކަން އިންތިޒާމް ކުރެވުނީސް
މިއީ ދަނޑުތައް ފުރާލާ ވައުދު ފުއްދަން ވީވަގުތު