ތުރުކީގެ މަޝްހޫރު ފުޓްބޯޅަ ޓީމް ގަލަޓަސަރޭގެ ޑިފެންޑަރު ސެރްދާ އަޒީޒް އޭނާގެ ޓީމަށް ދޮގު ހަދައިގެން ޗުއްޓީއެއްގައި ރާއްޖެ އައިސް ހުއްޓާ އަނބިމީހާ އިންސްޓްގްރާމްގައި ކުރި ޕޯސްޓެއްގެ ސަބަބުން ބޮޑު މައްސަލައެއް އުފެދިއްޖެއެވެ.

އުމުރުން 28 އަހަރުގެ އަޒީޒް އަކީ ގަލަޓަސަރޭއަށް މުހިންމު ކުޅުންތެރިއެކެވެ. އެޓީމް އެންމެ ފަހުން ކުޅެން އޮތް މެޗަށް އަޒީޒް ހާޒިރު ނުވީ ބަނޑުގައި ރިއްސާ ކަމަށް ބުނެއެވެ. ނަމަވެސް އަނބިމީހާ އާއި އެކު އަޒީޒް ހުރީ ރާއްޖޭގެ ރިސޯޓެއްގައި ކަން މިހާރު މިވަނީ ބޭޒާރު ވެފައެވެ.

އަޒީޒްގެ އަނބިމީހާ ވަނީ އަޒީޒް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯއެއް އިންސްޓްގްރާމްގައި ޕޯސްޓް ކޮށްފައެވެ. ނަމަވެސް ފަހުން ފޮޓޯ ޑިލޯޓް ކޮށްލިއެވެ. ފޮޓޯ ޑިލީޓް ކޮށްލިއިރު އެތައް ބަޔަކު ވަނީ އެފޮޓޯގެ ސްކްރީންޝޮޓް ނަގާފައެވެ.

ގަލަޓަސަރޭ އިން ބުނާ ގޮތުގައި އަޒީޒް މެޗަށް ހާޒިރުނުވެ، ޗުއްޓީއަށް ރާއްޖެ އައުމުން އޭނާ އާއި މެދު ފިޔަވަޅު އަޅާނެއެވެ. ޓީމުން ވަނީ އަޒީޒަށް އަދަބު ދިނުމުގެ ގޮތުން އޭނާ ވިއްކާލަން ނިންމާފައެވެ. ޖަނަވަރީ 01 ވަނަ ދުވަހު ހުޅުވޭ ޓްރާންސްފާ މާކެޓްގައި އަޒީޒް ވިއްކާލާނެ ކަމަށް ޓީމުން ބުނެއެވެ.

ގަލަޓަސަރޭ އަކީ ތުރުކީގެ އެންމެ މަޝްހޫރު އެއް ޓީމް ކަމަށް ވީނަމަވެސް މިއަހަރު އެޓީމް އޮތީ މައްސަލަތަކެއްގެ ތެރޭގައެވެ. ލީގްގައި 17 މެޗް ކުޅެފައި ވާއިރު މޮޅު ވެވުނީ އެންމެ 08 މެޗުންނެވެ. ލީގްގެ ފަސް ވަނައިގައި ޓީމް އޮތް އިރު އާއަހަރުގެ ޓްރާންސްފާގައި އިތުރު ކުޅުންތެރިން ޓީމަށް ހޯދާނެ ކަމަށް ބެލެވެއެވެ.