މިރޭ ކުޅުމަށް ހަމަޖެހިފައިވާ އިމްރާންގެ ރިޓަޔާމެންޓް މެޗުގައި އޭނާގެ ޓީމާއި ދެކޮޅަށް ކުޅޭ އެފްއޭގެ ޓީމު ވަރުގަދަ ކަމަށާއި ނަމަވެސް އެޓީމަކީ ބަލި ނުކުރެވޭ ވަރުގެ ޓީމެއް ނޫން ކަމަށް އިމްރާން މުހައްމަދު، އިއްމަ ބުނެފިއެވެ.

އިމްރާން ރިޓަޔާ ކުރުމަށް މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އިމްރާންގެ ޓީމާއި ދެކޮޅަށް ކުޅޭ އެފްެއޭގެ ޓީމަށް ދުނިޔޭގެ މަޝްހޫރު ދެކުޅުންތެރިއަކު ކުޅޭނެއެވެ. އެއީ އިނގިރޭސި ކްލަބު، މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް، ޕީޓާ ޝޫމައިކަލް އަދި ސްޕޭންގެ ކުލަބު ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯއެވެ.

މެޗާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ، އެފްއޭގެ ޓީމުގައި ތިބި ދުނިޔޭގެ ފެންވަރުގެ ދެ ލެޖެންޑުންނާއެކު އެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށެވެ. ނަމަވެސް އެ ޓީމަކީ ބަލި ނުކުރެވޭ ވަރުގެ ޓީމެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.

"ދަނޑަކަށް ނުކުންނާނީ 11 ކުޅުންތެރީން ދެއްތޯ؟އެހެންކަމުން އެކޮޅުގައި ގައުމީ ޓީމު އޮތަސް އަޅުގަނޑުމެންވެސް މިއީ ހަމަ ޤައުމީ ޓީމު. ގައުމީ ޓީމަށް ނުކުޅޭ ކުޅުންތެރިއަކު ހަމަ ގައިމުވެސް އަޅުގަނޑުމެންގެ ޓީމަކު ނުތިބޭނެ. އަޅުގަނޑުމެން އެޓީމުގެ އަތުން މޮޅުވުން އަޅުގަނޑުމެންގެ ޓާގެޓަކީ. ދަނޑަކަށް ނުނިކުންނާނެ އެެއްވެސް ބަޔަކު ބަލިވާކަށް" އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ މިރޭ ކުޅުމަށް ހަމަޖެހިފައިވާ އޭނާގެ ހާއްސަ މެޗަށް އޭނާގެ ޓީމު ތައްޔާރަށް އޮތް ކަމަށެވެ.

މި މެޗަށް ހަމަ ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައި އޮތީ. އަޅުގަނޑުމެންގެ ޓީމުގައި ތިބި ރަށުން ބޭރުގައި ދިރިއުޅެމުން އަންނަ ކުޅުންތެރީންވެސް މިހާރު މާލެއައުމުގެ ކަންތައް ކުރިއަށް ގެންދަމުން ދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ ކުރީގެ މަޝްހޫރު ހުރިހާ ކުޅުންތެރީން މިމެޗުގައި ފެނިގެންދާނެ ކަމަށް. އަޅުގަނޑު އެގޮތައް ބަލާފަ ޓީމު ބޮޑަށް ނަގާފަ ހުންނާނީ" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މެޗު ބެލުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަކީ އޭނާއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށާއި މިރޭގެ މެޗުން އެކަން ފެނިގެން ދިޔުމަށް އުންމީދު ކުރާ ކަމަށެވެ.

މިރޭ އޮންނަ މެޗު ފަށާނީ 9:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު