ގައުމީ ދަނޑުގައި ރޭ ހާއްސަ ފުޓުބޯޅަ މެޗަކީ އެތަކެއް ގޮތަކުން ތަފާތު މަންޒަރުތަކެއް ދައްކުވައިދިން މެޗެކެވެ. ގައުމީ ޓީމާއެކު 111 މެޗު ކުޅެދީ، މެދު ކެނޑުމެއް ނެތި 17 އަހަރު ގައުމީ ގޯލްގެ ދިފާއުގައި ހުރި އިމްރާން މުހައްމަދު (އިންމަ)ގެ ރިޓަޔާމަންޓް މެޗު ވެގެންދިޔައީ އިހުތިރާމާ ޝަރަފުގެ މެޗަކަށެވެ.

ފުޓުބޯޅަ ދަނޑު މަތީގައި ގައުމީ ބަތޮލެއްގެ ލަގަބު ހޯދައިފާ އިންމައަށް މުޅި ފުޓުބޯޅަ އާއިލާއިން ދިން އިހުތިރާމް ރޭގެ މެޗުގައި ހާއްސަވިއެވެ. އެފްއޭއެމްގެ ޓީމަކާއި އިންމަގެ ޓީމެއް މެޗަށް ނުކުތް އިރު، މެޗުގައި ފެނުނީ ދިވެހި ފުޓުބޯޅައިގެ އެހާރާ މިހާރުގެ ތަރިންނެވެ. ލެޖެންޑުންނާއި ލެޖެންޑްރީ ލެވެލްއަށް މިސްރާބު ޖަހާފައިވާ ކުޅުންތެރިންނެވެ.

މެޗަށް އިތުރަށް ހާއްސަ ކަމެއް ގެނެސްދިނީ އެފްއޭ ޓީމުގެ ކެޕްޓަން ބޭންޑްގައި، ރެއާލް މެޑްރިޑާއެކު ދެފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލައިފައިވާ ޑިފެންޑަރު، މިޝޭލް ސަލްގާޑޯ ނުކުތުމުންނެވެ. އިންމަގެ ޝަރަފުގައި މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑްރީ ގޯލްކީޕަރު ޕީޓާ ޝޫމައިކަލް ރޭގެ މެޗު ކުޅޭ ގޮތަށް އޮތް ނަމަވެސް، އޭނާ ނުފެނުނީ އަނިޔާގެ ސަބަބުންނެވެ.

ވ
އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަކުރަން ކުޅުނު މެޗް

އެފްއޭއެމްގެ ޓީމު އަތުން، އިންމަގެ ޓީމު 4-3 އިން މޮޅުވި އިރު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އަދި އެންމެ ގިނަބައެއްގެ ލޯބި ލިބުނު ކުޅުންތެރިޔާއަށް މެޗު ހާއްސަވީ އެހެން ގޮތަކުންނެވެ. 17 އަހަރު ގައުމަށް ކޮށްދިން ހިދުމަތުން، ޝަރަފާއެކު އެއް ފަރާތް ވެލުމުންނެވެ. އާއިލާއާއި ލޯބިވާ އެތައް ބައެއްގެ އިތުރުން މުޅި ފުޓުބޯޅަ އާއިލާއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިހުތިރާމާވެސް އެކުގައެވެ.

ރޭގެ މެޗަކީ ރާއްޖޭގެ ކުޅުންތެރިޔަކު ރިޓަޔާވުމަށް އެފަދަ ގޮތަކަށް ކުޅުނު ފުރަތަމަ މެޗަށްވީ އިރު، ސަޕޯޓަރުންގެ އަދަދު އަދިވެސް ފެނުނީ މަދުކޮށެވެ. އެހެން ނަމަވެސް، އާންމު ރޭޓަށްވުރެ ގިނައެވެ.

މެޗުގެ ކުރިން އިންމަ ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރިއިރު ފައިނަލުގައި ބޭނުންކުރި އަންގި ޖޯޑު ރައީސް ސޯލިހާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ހަދިޔާކޮށްފަ އެވެ. ރައީސް ވަނީ ދިވެހި ފުޓްބޯޅަ އާއިލާގެ ފަރާތުން އިންމައަށް ރަމްޒީ ހަނދާނީ ޖާޒީއެއް ހަދިޔާކުރައްވައިފައެވެ. އަދި މިރޭގެ މެޗަށް އެފްއޭއެމްގެ ދައުވަތަކަށް އައި ސަލްގާޑޯއާއި ޝުމައިކަލް އަށް ގައުމީ ޓީމުގެ ޖާޒީއެއް އިންމަ ވަނީ ހަދިޔާކޮށްފައެވެ.

މެޗު ފެށުމުގެ ކުރިން އާއިލާއާއެކު، ރަތް ދޫލައިގެ ކާޕެޓާއެކު ފަރުމާކޮށްފައިވާ ކުޑަކުޑަ ސްޓޭޖެއްގައި ހުރެ އިންމަ ބުނީ އާއިލާއަކީ އަބަދުވެސް ހިތްވަރު ކަމަށާއި، މަންމައާއި ބައްޕަގެ އިތުރުން މުޅި އާއިލާއާއެކު ގައުމީ ޓީމުން ރިޓަޔާކުރުމުގެ ޝަރަފު ލިބުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ.

"މިގޮތަށް މިފަދަ ތަނެއްފައި ވާހަކަދެއްކުމަކީ އަޅުގަނޑަށް ފަސޭހަކަމެއްނޫން. އަޅުގަނޑަކީ ދަނޑު މައްޗަށް އަރައި ކުޅުންތެރިންނަށް އިރުޝާދުދޭ މީހެއް. މި ހާއްސަ ވަގުތު އަޅުގަނޑާ އެކު އާއިލާ މެމްބަރުން ތިބުމަކީ ވަރަށް އުފާވާ ކަމެއް،" އިންމަ ބުންޏެވެ.

އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަކުރަން ކުޅުނު މެޗް
އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަކުރަން ކުޅުނު މެޗް

އިންމަ ބުނީ 2016 ވަނަ އަހަރު ގައުމީ ޓީމާއެކު ކުޅުނު ފަހު މެޗަށް ދިޔުމުގެ ކުރިން އޭނާ ރިޓަޔާކުރަން ނިންމާފައިވާ ކަމަށާއި، އެ ނިންމުން ނިންމީ ޒުވާން ޖީލަށްޓަކައި ކަމަށެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ އެފްއޭގެ ޓީމުންނެވެ. ޓީސީގެ އެޓޭކިން މިޑްފީލްޑާ އިބްރާހިމް ވަހީދު ހަސަން ތަނަވަސް ކޮށްދިން ފުރުސަތަކުން އިންމަ ކޮޅަށް ފުރަތަމަ ގޯލް ވައްދާލީ ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ.

އިންމަގެ ޓީމުން ނަތީޖާ އަނބުރާލީ ފަހަތުން އަރައެވެ. އިންމަގެ ޓީމްގެ ފުރަތަމަ ގޯލް ޖެހީ އަލީ އަލީ އުމަރެވެ. އަޝްފާގް ތަނަވަސް ކޮށްދިން ބޯޅަ އަލީ އުމަރު ވަނީ ވަރަށް ބަލާފައި ގޯލްގެ ތެރެއަށް ވައްދާލަފައެވެ. އޭގެ ފަހުން ފެނިގެން ދިޔައީ އއ. ތޮއްޑޫގެ ހާއްސަ ގޯލެކެވެ. މުހްތާރު ނަސީރު (ޓޫކިލޯ) އާއި މުހައްމަދު ނިޒާމް (ތޮއްޑޫ)ގެ ކޮމްބިނޭޝަން ފެނިގެންދިޔަ ގޯލްގައި ތޮއްޑޫ ގޯލް ކަމިޔާބު ކުރިއެވެ.

މެޗުގައި އެންމެ ހާއްސަ އެއް ކަމަކަށް ފެނިގެންދިޔައީ އިންމަގެ ގޯލެކެވެ. އިންމަ ގޯލް ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. އިދިކޮޅު ގޯލްގައި ހުރީ އިމްރާންއާއެކު ގައުމީ ޓީމަށް ކުޅުނު ކުރީގެ ގޯލްކީޕަރު ހުރާގެ އިސްހާގް އީސާއެވެ. ދިވެހި ލީގު މެޗެއްގައި ނިއު ރޭޑިއަންޓްގެ ގޯލްގައި ހުރެ ޖެހި ސައްޕަކުންވެސް އިންމަ ވަނީ މީގެ ކުރިން ގޯލް ޖަހާފައެވެ.

އިންމަ ގައުމީ ޖާޒިގައި ކުޅުނު ފަހު މެޗު --- ފޮޓޯ/ އިންމަ ފޭސްބުކް

ފަހު ހާފްގައި ސަލްގާޑޯ އިންމަ ކޮޅަށް ޕެނެލްޓީއެއް ޖެހި އިރު، ދަގަނޑޭގެ ގޯލެއްވެސް ފެނިގެންދިޔައެވެ.

ފުރަތަމަ ހާފަށް ފަހު އިންމަ ޑްރެސިން ރޫމަށް ނުވަދެ ކުރި ކަމަކީ ކުދިންނަށް އޮޓޯގްރާފް ދިނުމާއި ފޮޓޯ ނެގުމެވެ. މެޗުގެ ފަހު ހާފްގައި އިންމައަށް އަނިޔާވެ އޭނާ ބަދަލު ކުރުމުންވެސް ފެނުނީ މުޅި ދަނޑު އޭނާއަށް ސެލިއުޓް ކުރި ތަނެވެ. އިންމަ ޓީމުގެ ކެޕްޓަން ބޭންޑް، އިންމަ އެންމެ އެކުވެރި އެއް ކުޅުންތެރިޔާ، ދަގަނޑޭއާ ހަވާލު ކުރި ވަގުތު، އެތައް ހަނދާންތަކެއް އާވެގެން ދިޔައެވެ.

ގައުމަށް އޭނާ ގެނެސްދިން ޗެލެންޖު ކަޕްގެ ލޯ މެޑަލްއާއި ސާފްގެ ރަން މެޑަލެވެ. ދެއްކި ރީތި މިސާލާ، ނަމޫނާއެވެ. މުޅި ފުޓުބޯޅަ އާއިލާގެ އިތުރުން އެތައް ބަޔަކު އިންމައަށް ތައުރީފް އޮއްސާލިއެވެ. މީސް މީޑިއާ މެދުވެރިކޮށްވެސް ޝުއޫރުތައް އެފަދައެވެ. ފައިބައިގެން ބެންޗަށް ދިޔުމުން، އިންމަ 1999 އަހަރު ގައުމީ ޓީމަށް ގެންދިޔަ ޔުރޮދާން އިވަނޯވްފް ސްޓައިކޯވް އަށްވެސް ތަފާތު އިހުސާސެއް ގެނުވިކަން އޭނާގެ މޫނުމަތިން ފެނުނެވެ.

އިންމަގެ ކާމިޔާބު ގައުމީ ކެރިއަރު ނިންމާލި ނަމަވެސް، އޭނާ އަދި ކްލަބު ލެވެލްގައި ފެންނާނެއެވެ. ގައުމީ ޝަރަފެއް، ގައުމީ ހިދުމަތުން އެއްކައިރިވެލީއެވެ. ހައްގު ޝަރަފާއެކު، އެތައް ބައެއްގެ އިހުތިރާމާއެކު، މުޅި ގައުމަށް ޝުކުރު އަދާކުރަމުންނެވެ. އިންމައަކީ ޒުވާން ޖީލަށް ނަމޫނާއެވެ. އިހުތިރާމް ދީ، އިހުތިރާމް ހޯދައިފައިވާ އެންމެ ވަރުގަދަ އެތުލީޓެވެ.