ލ. ގަމުގައި ބާއްވާ ރިވޮލިއުޝަން ކަޕް އިއްޔެ ފަށައިފިއެވެ.

ލ. ގަމު ތުނޑީ އަވަށުގައި އިއްޔެ ފެށިގެންދިޔަ ރިވޮލިއުޝަން ކަޕްގައި ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ހުރިހާ ތަރިން ކަހަލަ ގޮތަކަށް ފެނިގެންދެއެވެ. އޭގެ އިތުރުން، ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނިމިފައި އޮތުމާއެކު ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކްލަބުތަކުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއްވެސް މިއަހަރުގެ މުބާރާތުގައި ފެނިފައިވެއެވެ.

ރިވޮލިއުޝަން ކަޕަކީ ލ. ގަމު ތުނޑީ އަވަށު ޒުވާނުން އިސްނަގައިގެން ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައިވެސް ގަން ފޮނަދޫ ސަރަހައްދުގެ އިތުރުން އަތޮޅު އެހެން ރަށްރަށުން، ޖުމްލަ 16 ޓީމު ވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ މެޗުތައް ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ އިރު، އިއްޔެ ހަވީރު ދެ މެޗު، އަދި ރޭ ވަނީ ހަތަރު މެޗު ކުޅެފައެވެ. އެގޮތުން އިއްޔެ ކުޅެފައި ވަނީ ގްރޫޕް އޭ، ބީ އަދި ސީގެ މެޗުތަކެވެ.

ރިވޮލިއުޝަން ކަޕް 2015 ވަނަ އަހަރުވެސް ބާއްވާފައިވާ އިރު، އޭގެ ފަހުން މިއީ ފުރަތަމަ މުބާރާތެވެ. މުބާރާތް އިންތިޒާމް ކުރާ ފަރާތުން "ވަގުތު"އަށް ބުނެފައި ވަނީ މުބާރާތް ބޭއްވުމަށް ޓީމުތަކުން ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި، އެންމެ ދަތިވާ ކަމަކީ ރަނގަޅު ފެންވަރެއްގެ ދަނޑެއް ނެތުން ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ރަނގަޅު ފެންވަރެއްގެ ދަނޑެއްގައި މުބާރާތް ބާއްވޭނެ ކަމުގެ އުންމީދު ކުރާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

ރިވޮލިއުޝަން ކަޕް އިއްޔެ ފަށާފައިވާ އިރު، އިއްޔެ ހަވީރު ފުރަތަމަ މެޗުގައި ވާދަކުރީ އެފްސީ ބަލަމާ އަދި ކަންމަތި އެފްސީއެވެ. މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަލަމާއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް އަހުމަދު ޝުއާއު ހޮވުނު އިރު، އޭނާގެ އިތުރުން ގޯލްތައް ޖަހައިދިނީ މުހައްމަދު ވަހީދު އަދި ހަސަން ފަރީދެވެ.

އިއްޔެގެ ދެވަނަ މެޗުގައި އައުޓް ރީފް ސްޕޯޓްސް ކްލަބުން އެފްސީ ސުބު އިލެކްޓްރިކްސް ބަލިކުރީ 10-1ގެ ނަތީޖާއަކުންނެވެ.

އައުޓްރީފް ޓީމުގެ ހަތަރު ގޯލް، އަހުމަދު ޝައްފާން (ޝާކާ) ކާމިޔާބުކޮށްދިން އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދު އަޔާޒު އަހުމަދު (އަޔާ) ވަނީ ހެޓްރިކް ހަދާފައެވެ. އެޓީމަށް އިތުރު ގޯލްތައް ޖަހައިދިނީ ހުސައިން ޝަރީފް (އޮންލީ)، އަބްރާހީމް މުބީން (މުއްކި) އަދި އަލީ އިރުފާދެވެ.

ސުބު އިލެކްޓްރިކްސްގެ ގޯލް ޖަހައިދިނީ އަހުމަދު ޝަރީފެވެ.

މުބާރާތުގެ ކުޅުމު ތެރެއިން --- ފޮޓޯ/ ރޮވޮލިއުޝަން ކަޕް އޮފިޝަލް ފޮޓޯގްރަފާ ޖަޒްލާން

ރޭ ކުޅުނު ފުރަތަމަ މެޗުގައި ފެކްޝަން ޔޫތުން 2-1ގެ ނަތީޖާއަކުން ޔަންގު ހަންޓާސް ބަލިކުރި އިރު، ފެކްޝަން ޔޫތަށް ގޯލްތައް ޖަހައިދިނީ އަހުމަދު އަޔާޒާއި އަހުމަދު އިރުފާނެވެ. ޔަންގް ހަންޓާސްގެ ގޯލް ޖަހައިދިނީ އަބްދުﷲ ނާސިހެވެ. އެ މެޗަށްފަހު ޑެޓްރޮއިޓްސް ޗިކަން ޑިނާއާއި ޝަބްނަމީ ކަނެކްޓް ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު، ޗިކަން ޑިނާއަށް ގޯލް ޖަހައިދިނީ އަހުމަދު ޖިނާހެވެ.

ޝަބްނަމީ ކަނެކްޓްގެ ގޯލް ޖަހައިދިނީ ހަސަން ނަޒީހެވެ. ރޭގެ ތިންވަނަ މެޗުގައި ކުލަމަޖާއިން ސުބަރު ސްޕޯޓްސް ބަލިކުރީ 6-0ގެ ނަތީޖާއަކުންނެވެ. ކުލަމަޖާގެ އަލީ ފަރުހާން ދެ ގޯލް ޖެހި އިރު، މެޗުގެ މޮޅު ކުޅުންތެރިޔާވެސް ލިބުނީ އޭނައަށެވެ. ފަރުހާން އިތުރުން އެޓީމުގެ ގޯލްތައް ކާމިޔާބުކޮށްދިނީ އަލީ ލިރާރު، އަހުމަދު ޝިޒާން އަދި މުހައްމަދު ޝަފްރާޒެވެ.

ރޭ ކުޅުނު އެންމެ ފަހު މެޗުގައި ފޮއިމަތި އަދި ކަންމަތި އެފްސީ ވާދަކުރި އިރު، އެ މެޗު 7-4އިން ކާމިޔާބުކުރީ ފޮއެމައްޗެވެ. މެޗުގައި ފޮއިމަތީގެ މުހައްމަދު މުސްލިހު (މުއްޓި) ވަނީ ހަ ގޯލް ޖަހައިފައެވެ. އެޓީމުގެ އަނެއް ގޯލް ޖަހައިދިނީ އަލީ އަކުރަމެވެ. ކަންމަތީީގެ ޒައިދާން އަބްދުﷲ ހެޓްރިކް ހެދި އިރު، އަނެއް ގޯލް ޖަހައިދިނީ އަލީ ޝިމާހެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަދު ހަވީރާއި، މިރޭވެސް އޮންނާނެއެވެ.