ސްޕެއިންގެ މަޝްހޫރު އެކަޑެމީއެއް ކަމަށްވާ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އިން އައްޑޫ ސިޓީގައި ފުޓްބޯޅަ ޓްރެއިނިން ކޭމްޕެއް ފަށައިފިއެވެ.

އިއްޔެ ފެށި ޓްރެއިނިން ކޭމްޕަކީ ހަ ދުވަހަށް ކުރިއަށް ގެންދާނެ ކޭމްޕެކެވެ. ކުޅުންތެރިންގެ އިތުރުން ކޯޗުންނަށްވެސް އެކަޑެމީގެ ފަރާތުން ތަމްރީނުތައް ދިނުމަށް ހަމަޖެހިފައިވާ އިރު، ޓީއެންޖީއެސްއަކީ ސްޕެއިންގައި ފާހަގަކޮށްލެވޭ އެކަޑެމީއެކެވެ.

ޓީއެންޖީއަކީ ސްޕެއިންގެ ވެލެންސިއާގެ ހައި ޕާފޯމަންސް އެކަޑެމީއެކެވެ. ެ އެކަޑެމީގެ ތަމްރީން ޕްރޮގްރާމްތައް އެކިއެކި ގައުމުތަކުގައި ހިންގަމުންދެއެވެ. ޒުވާން ހުނަރުވެރި ކުދިން، ސްޕެއިންގެ ފުޓުބޯޅައިގެ ވައްޓަފާޅިއަށް ތަމްރީނު ކުރުމަށްޓަކައި ހަތް އަހަރު މަސައްކަތް ކޮށްފައިވާ ޓީއެންޖީއެސްއިން މިހާރުވެސް ދަނީ ވެލެންސިއާގެ އިތުރުން ލެވާންޓޭއާއެކުވެސް، އެކިއެކި ހިސާބުތަކުގައި ތަމްރީނު ޕްރޮގްރާމްތައް ހަދަމުންނެވެ.

ޓީއެންޖީއެސްއިން ތަމްރީނު ވެފައިވާ ކުޅުންތެރިން، އިނގިރޭސި ޕްރިމިއާ ލީގުގައިވެސް ކުޅެފައިވާ އިރު، ސްޕެއިން ގައުމީ ޓީމާ ހަމައަށްވެސް ބައެއް ކުޅުންތެރިން ގޮސްފައިވެއެވެ.

ވަރުގަދަ އެކަޑެމީއެއްގެ ތަމްރީނުތައް އައްޑޫގައި އިންތިޒާމް ކުރަމުން ދަނީ އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އެވެ.

މަރޭ 'މިހާރު' އަށް ބުނެފައި ވަނީ އައްޑޫގައި މިފަދަ ކޭމްޕެއް ބޭއްވުމަކީ ހަތަރު އަހަރު ކުރީގެ ހުވަފެނެއް ކަމަށާއި، އައްޑޫގެ ހުނަރުވެރި ކުދިންނަށް މި ފުރުސަތު މުހިއްމު ކަމަށެވެ. މަރުޒޫގު ވިދާޅުވީ މި ކޭމްޕް ކޮންމެ އަހަރަކު ބާއްވައި އަދި ޓީއެންޖީއެސްގެ އެކަޑަމީއެއް އައްޑޫގައި ހުޅުވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.

މި ކޭމްޕުގައި ކޮންމެ ދުވަހަކު ހެނދުނު އޮންނާނީ އުމުރުން 14-16 އަހަރާ ދެމެދުގެ ކުދިންގެ ތަމްރީންތަކެވެ. އަދި ހަވީރު އޮންނަނީ 16-18 އަހަރާ ދެމެދުގެ ކުދިންގެ ތަމްރީންތަކެވެ.