އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލްވެސް ހަތަރުވަނަ ބުރުން ފުރުސަތު ހޯދައިފިއެވެ.

ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ރެޑިން ބަލިކުރި އިރު، އެ މެޗަކީ އަލަށް ޓީމާ ހަވާލުވި އޮލި ގުނަ ސޮލްސްޖާގެ އިރުޝާދުގެ ދަށުން ކުޅުނު ފަސް ވަނަ މެޗެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް އެޓީމު އޮތީ ރަނގަޅު ފޯމެއްގައެވެ. ސޮލްސްޖާއާއެކު ޓީމުން މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައިވާ އިރު، ރޭގެ މެޗު ވަރުގަދަކޮށް ފެށީވެސް ޔުނައިޓެޑުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ވީއޭއާރްގެ ނިންމުމެއް ފެނިގެން ގޮސްފައިވާ އިރު، ހުއާން މާޓާގެ ޕެނެލްޓީއާއެކު ޔުނައިޓެޑުން ލީޑު ނެގިއެވެ. އަދި ހާފް ނިމުމުގެ ކުރިން ރޮމެލޫ ލުކާކޫގެ ގޯލުން ޔުނައިޓެޑް ލީޑު ފުޅާވެސް ކުރިއެވެ.

ޔުނައިޓެޑުން މެޗު ނިންމާލީ 2-0ގެ ލީޑެއްގައެވެ.

ޗެލްސީން ރޭ ނުކުތީ ނޮޓެންހަމް ފޮރެސްޓާ ދެކޮޅަށެވެ. ޗެލްސީ މެޗުން މޮޅުވީވެސް 2-0ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި އެޓީމުން ކުޅުނު މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ނުކުތީ ސެސްކް ފެބްރިގާސްއެވެ. އެ މެޗަކީ ޗެލްސީއަށް ފެބްރިގާސް ކުޅެދިން ފަހު މެޗަށް ވުން ގާތެވެ. ތިއަރީ އޮންރީގެ މޮނާކޯއާ ގުުޅުމަށް ތައްޔާރުވަމުންދާ ފެބްރިގާސް، މެޗު ނިންމާލުމަށްފަހު ސަޕޯޓަރުންނާ ވަދާއީ ސަލާމް ކުރިކަން ފާހަގަކޮށްލެވެއެވެ.

މެޗުގައި ޗެލްސީއަށް ލިބުނު ޕެނެލްޓީއެއް ފެބްރިގާސް ޖެހި ނަމަވެސް، ގޯލްކީޕަރު ވަނީ އެ ހަމަލާ މަތަކޮށްފައެވެ. ފުރަތަމަ ހާފް 0-0ގެ ނަތީޖާއަކުން ނިމުނު އިރު، ޗެލްސީން ދެ ގޯލްވެސ ޖެހީ ދެވަނަ ހާފްގައެވެ. އެޓީމުގެ ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.

އާސެނަލުން ހަތަރުވަނަ ބުރަށް ދަތުރުކުރީ 3-0ގެ ނަތީޖާއަކުން ބްލެކްޕޫލް ބަލިކޮށްގެންނެވެ. ޒުވާން ޓީމަކާއެކު މެޗަށް ނުކުތް އާސެނަލްގެ ގޯލްތައް ޖަހައިދިނީ ވިލްނޮކްގެ އިތުރުން އެލެކްސް އިވޯބީއެވެ. އޭގެ ތެރެއިން ވިލްނޮކް ވަނީ ދެ ގޯލް ޖަހައިފައެވެ.

ހަތަރުވަނަ ބުރުގައި ޓީމުތައް ޖެހޭނެ ޓީމު އެނގޭނީ މާދަމާ އޮންނަ ގުރުއަތުންނެވެ.