އޭޝިއާގެ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް، އޭޝިއަން ކަޕް އިއްޔެ ފަށާފައިވާ އިރު، އެ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޔޫތު މިނިސްޓަރު މަހުލޫފު ބައިވެރިވެ ވަޑައިގެންފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ކުޅެފައި ވަނީ  ހޯސްޓް، ޔޫއޭއީއާއި ބަހުރެއިންނެވެ. މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މެޗުގައި ދެ ގޯލްވެސް ފެނުނީ ފަހުކޮޅުގައެވެ.

ބަހްރައިންގެ މުހައްމަދު އަލް ރަމާލީ ފުރަތަމަ 78 ވަނަ މިނެޓުގައި ގޯލެއް ޖެހި އިރު، ޔޫއޭއީން އެއްވަރު ކުރީ 88 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ.

އިއްޔެގެ މެޗު ބެލުމަށް ގާތް ގަނޑަކަށް 33،000 ސަޕޯޓަރުން، ސްޕޯޓްސް ސިޓީ ސްޓޭޑިއަމްއަށް ވަދެފައިވާ އިރު، އޯޕެނިން މެޗު ބެލި މީހުންގެ އަދަދު މަދު ކަމަށް ލޯކަލް ބްރޯޑްކާސްޓަރުން ވަނީ މައުލޫމާތު ދީފައެވެ.

އިއްޔެ އޮތް ފެށުމުގެ ރަސްމިއްޔާތުގައި ފީފާގެ ރައީސް، އިންފެންޓީނޯވެސް ބައިވެރިވެފައިވާ އިރު، ރާއްޖޭގެ ޔޫތު މިނިސްޓަރު މަހުލޫފު ވަނީ ފީފާ އަދި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާނާ ބައްދަލު ކުރައްވާފައެވެ. އަދި މިނިސްޓްރީން މަސައްކަތް ކުރައްވާނީ އޭއެފްސީއާއި ފީފާގެ މަސްލަހަތަށް ބުރު ނާރާނެހެން ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެފްއޭއާއި މިނިސްޓްރީއާ ކޯޅުން ގަނޑެއްގެ ތެރޭގައި އޮތް އިރު، މަހުލޫފު ވަނީ މީގެ ކުރިންވެސް އޭއެފްސީ ރައީސާ ބައްދަލު ކުރައްވާފައެވެ.

އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖު ތިން މެޗެއް މިއަދުވެސް އޮންނާނެއެވެ. އެންމެފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާއިން ހަވީރު 4:00ގައި ނުކުންނާނީ ޖޯޑަންއާ ދެކޮޅަށެވެ. މިރޭ 6:30ގައި އޮންނަ މެޗުގައި އިންޑިއާއިން ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ. މިރޭ 9:00 ގައި އޮންނާނީ ސީރިއާއާއި ފަލަސްތީނު ވާދަކުރާ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭކަމަކަށް ވާނީ!