އިންޑިއާ ޓީމުން އެޓީމުން އޭޝިއަން ކަޕް 2019 ގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ.

ގްރޫޕް އޭގައި އިންޑިއާއިން ތައިލެންޑާ ދެކޮޅަށް ނުކުންނަ އިރު، އެޓީމަށް މޮޅަކާއެކު މުބާރާތް ފެށުމަށް އުންމީދު ބޮޑު ކަމަށް، ކެޕްޓަން އަދި ތަޖުރިބާކާރު ފޯވަޑް ސުނިލް ޗެތުރީ ވަނީ ބުނެފައެވެ.

އިންޑިއާއިން މުބާރާތަށް އިއުލާން ކޮށްފައިވާ 23 ކުޅުންތެރިންގެ ސްކޮޑުގެ އެވަރެޖް އުމުރަކީ 25 ކަމަށްވާ އިރު، ޗެތުރީ ބުނެފައި ވަނީ އަލަށް މުބާރާތަށް ދާ ޒުވާން ކުޅުންތެރިންނަކީ އިންޑިއާގެ ހިތްވަރު ކަމަށެވެ.

"މަދު ކުޅުންތެރިޔަކަށް ނޫނީ ހުރިހާ ކުޅުންތެރިންނަށް މިއީ މުޅިން އާ ތަޖުރިބާއެއް. އެންމެންވެސް ތިބީ މިފަދަ ފުރުސަތަކަށް އިންތިޒާރުގައި. އިންޑިއާއަކީ ފަހަށް ޖެހޭނެ ޓީމެއް ނޫން. އެންމެ މުހިއްމު ކަމަކީވެސް އެއީ، އިންޑިއާއިން އަބަދުވެސް ގެންގުޅޭ ވިސްނުމަކީ ފަހަތަށް ނުޖެހުން،" ސުނިލް ޗެތުރީ ބުންޏެވެ.

ޗެތުރީ ބުނީ ތައިލެންޑަކީ އެއްގޮތަކަށްވެސް ފަސޭހަ ޓީމެއް ނޫން ކަމަކަށާއި، މިހާރު ފޯކަސްވެސް ހުރީ ހަމައެކަނި ތައިލެންޑް މެޗަށް ކަމަށާއި، އިތުރަށް ވިސްނާނީ ތައިލެންޑް މެޗުން މޮޅުވެގެން ކަމަށެވެ.

މެދުކެނޑުމަކަށްފަހު އިންޑިއާއިން އޭޝިއަން ކަޕަށް ނުކުންނަ އިރު، އެޓީމަށް އޮތް އެންމެ ބޮޑު އުންމީދަކީ މިހާރު ހުރި ކޯޗާއެކު ބޮޑެތި މަސައްކަތްތަކެއް ކޮށް، ރަނގަޅު ލެވެލްއެއްގައި އިންޑިއާގެ ފުޓުބޯޅަ ކުރިއަރާފައިވުމެވެ. ވަރުގަދަ ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތައް ކުޅެ، އިންޑިއާއިން އޮތީ މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު