މާދަމާ ތައިލެންޑްގައިގައި ފެށުމަށް ހަމަޖެހިފައިވާ "އައިޓީއެފް އޭޝިއާ 14 އެންޑް އަންޑަރ ޓެނިސް ޗެމްޕިއަންޝިޕްސް" ގެ ދެވަނަ ޑިވިޝަންގައި ބައިވެރިވާ ރާއްޖޭގެ 14 އަހަރުން ދަށުގެ ޓެނިސް ޓީމު އެގައުމަށް ފުރައިފިއެވެ.

ރާއްޖޭގެ ޓީމުގައި ހިމެނޭނީ ތިން ފިރެހެން އަދި ތިން އަންހެން ކުޅުންތެރިންގެ އިތުރުން ކޯޗަކެވެ. ޓީމު ފުރާފައި ވަނީ ފާއިތުވި އަހަރު ނޮވެމްބަރު މަހުން ފެށިގެން ފަރިތަކުރުމަށް ފަހުގައެވެ. ޓީމުގެ ކޯޗަކީ ކުމާރު އަދިކާރީއެވެ.

ތައިލެންޑްގައި އޮންނަ މުބާރާތަކީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. މިމުބާރާތުން ރަނގަޅު ނަތީޖާ ހޯދާ ޤައުމުތައް އެއްވަނަ ޑިވިޝަނަށް ކޮލިފައިވާނެއެވެ. އަދި ވަކިވަކި ކުޅުންތެރިން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ ފަރާތުން އާންމު ކުރާ 14 އަހަރުން ދަށުގެ ރޭންކިންގް ލިސްޓުގައި ހިމެނުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ރާއްޖެއިން ތައިލެންޑަށް ދިޔަ ޓީމު:

ރައުދަކު މައުމޫން

އައިޝަތު ތާރާ ނައީމް

މުހައްމަދު ނާމިގު ޝާހިދު

ލަޔާން މުހައްމަދު ޝާމިން

އިސްމާއީލް ނުހައިކު އިރުޝާން

ޒޯޔާ ޒޫބިން ސަލީމް

ބައިނަލް އަޤްވާމީ މުބާރާތްތަކުގެ ޖޫނިއަރ ކުޅުންތެރިންނަށް ވާދަ ކުރުމުގެ ފުރުޞަތު ތަނަވަސް ކޮށްދިނުމަކީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަރަށް އިސްކަންދޭ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

އެގޮތުން 2019 ވަނަ އަހަރުގެ ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖޫނިއަރ ޑޭވިސް ކަޕް އަދި ޖޫނިއަރ ފެޑް ކަޕްގެ ސަރަޙައްދީ ކޮލިފައިންގައި ޓީމެއް ބައިވެރި ކުރުމަށް ވަނީ ނިންމިފައެވެ. އަދި މިއީ ޖޫނިއަރ ޑެވިސް ކަޕް އަދި ޖޫނިއަރ ފެޑް ކަޕްގައި ރާއްޖެއިން ބައިވެރިވާ ދެވަނަ ފަހަރެވެ.

މުބާރާތް ނިންމާލުމަށްފަހު ރާއްޖޭގެ ޓީމު އެނބުރި އަންނާނީ ޖެނުއަރީ 20 ވަނަ ދުވަހުގައެވެ.