މަސްތުވެގެން ހުރެ އާއްމުތަނެއްގައި އައުގުރާނަ ގޮވުމުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ވޭން ރޫނީ ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެމެރިކާގެ އެއާޕޯޓަކުންނެވެ. ނަމަވެސް އޭނާ ހައްޔަރު ކުރިކަން މީޑިއާ އަށް ކަށަވަރުވީ މިއަދު ކޯޓުން އެކަމާއި ގުޅޭ ލިޔުންތައް އާއްމު ކުރުމުންނެވެ. ރޫނީ ހައްޔަރު ކުރި ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

އެމެރިކާގެ ވާޖީނިއާގެ ކޯޓަކުން މިއަދު އާއްމު ކުރި ލިޔުންތަކުން ދައްކާ ގޮތުގައި ރޫނީ ވަނީ އާއްމުތަނެއްގައި އައުގުރާނަ ގޮވިކަން ސާބިތުވެގެން 25 ޕައުންޑުން ޖޫރިމަނާކޮށްފައެވެ.

އިނގިރޭސިވިލާތުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ކަން ވެސް ކުރިން ކޮށްފައިވާ ރޫނީ ވަނީ 2018 ވަނަ އަހަރު އެމެރިކާގެ ޑީސީ ޔުނައިޓެޑަށް ބަދަލުވެފައެވެ. 46 މިލިއަން ޕައުންޑަށް ރޫނީ އެމެރިކާގެ ލީގަށް ބަދަލުވުމަކީ އެލީގްގެ ރެކޯޑެކެވެ. މީގެ ކުރިން އެވަރުގެ އަގެއްގައި އެމެރިކާގެ ލީގަށް ކުޅުންތެރިޔަކު ގެންގޮސްފައެއް ނުވެއެވެ.

ރޫނީ ވަނީ މަސްތުވެގެން އިނދެ ކާރު ދުއްވި މައްސަލައިގައި 2017 ވަނަ އަހަރު ވެސް ހައްޔަރު ކޮށްފައެވެ. އެމައްސަލައަށް ފަހު ދެ އަހަރު ދުވަސް ވަންދެން އޭނާ އެއްވެސް ވެހިކަލެއް ދުއްވުން މަނާކޮށް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އަދި 100 ގަޑިއިރު ވަންދެން އިޖުތިމާޢީ މަސައްކަތެއް ކުރަން ވެސް ވަނީ ޙުކުމް ކޮށްފައެވެ.

ރޫނީ ހައްޔަރު ކުރި މައުލޫމާތު އެމެރިކާގެ އިން މިއަދު އާއްމު ކުރިއިރު އޭނާ ހުރީ ފޯމިއުލާ ކާރު ރޭހެއް ބަލަން ސައުދީ އަރަބިއްޔާގައެވެ.