ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުންވެސް ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ރެއާލް ސޮސިއެދާދާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަކީ މިދިޔަ 15 އަހަރު ތެރޭގައިވެސް ރެއާލް ދަނދުގައި ސޮސިއެދާދު މޮޅުވި ހަމައެކަނި މެޗެވެ. މިހާތަނަށް ލީގުގައި 18 މެޗު ކުޅުނު އިރު، ރެއާލްއިން މޮޅުވެފައި ވަނީ އެންމެ ނުވަ މެޗުންނެވެ. ހަ މެޗުން ބަލިވެފައިވާ އިރު، އަނެއް ތިން މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.

އެޓީމު ތާވަލުގެ ފަސްވަނައިގައި އޮތީ 18 މެޗުން 30 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއާ، 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ރޭގެ މެޗު ފެށިގެން ފުރަތަމަ ތިން މިނެޓުގައި ސޮސިއެދާދުން ލީޑު ނެގިއެވެ. ރެއާލްގެ ބްރެޒިލް މިޑްފީލްޑަރު ކަސެމޭރޯ، އޭރިއާ ތެރެއިން މިކޭލް މެރީނޯއަށް ކުރި ފައުލަށް ރެފްރީ ދިން ޕެނެލްޓީ ކާމިޔާބުކޮށް، ސޮސިއެދާދަށް ލީޑު ނަގައިދިނީ މިކޭލް މެރީނޯއެވެ.

މިރޭގެ މެޗަށް ރެއާލްގެ 18 އަހަރު ބްރެޒިލް ވިންގާ، ވިންސިއަސް ޖޫނިއާ ނެރެފައިވާ އިރު، އޭނާގެ ފަރާތުން ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެންދިޔައެވެ. އޭނާގެ ފުރަތަމަ ހަމަލާ ބޭރަށް ދިޔަ އިރު، ދެވަނަ ހަމަލާ މަތަކުރީ ސޮސިއެދާދުގެ ގޯލްކީޕަރެވެ. ސޮސިއެދާދުގެ ގޯލްކީޕަރު ވަނީ ރަފޭލް ވަރާންގެ ހަމަލާއެއްވެސް މަތަކޮށް ބޭރުކޮށްލާފައެވެ.

ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ގެރެތު ބޭލް ކުޅެފައި ނުވާ އިރު، އިސްކޯ ފެށީ ބެންޗުންނެވެ. ރެއާލްއަށް މެޗަށް އަނބުރާ ވަނުމަށް އުނދަގުލަކަށްވީ 61 ވަނަ މިނެޓުގައި ލޫކަސް ވަޒަކުއޭޒްއަށް ދެއްކި ރަތް ކާޑާއެކުގައެވެ. ރަތް ކާޑުގެ ކުރިން ވަޒްކުއޭޒް ވަނީ ރަނގަޅު ހަމަލާއެއްވެސް އުފައްދާފައެވެ. އޭނާގެ ހަމަލާ އަމާޒުވީ ދަނޑިއަށެވެ.

ކުޅުންތެރިޔަކު މަދުން ކުޅެމުންދިޔަ ރެއާލް ކޮޅަށް، ދެވަނަ ގޯލެއް ޖަހައި، މުޅި ބާނަބޭއޫގެ އަޑު ކަނޑުވާލީ 83 ވަނަ މިނެޓުގައި ޕާޑޯއެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާއަށް ގޯލްކީޕަރު ކޯޝުއާއަށް ކުރެވުނެ މަސައްކަތެއް ނެތެވެ.

ކްލަބު ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން، ރެއާލްއިން ލީގުގައި ކުޅުނު ދެ މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ.