ލ. ގަމު ތުނޑީ އަވަށުގައި ކުރިއަށްދާ، ރިވޮލިއުޝަން ކަޕް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ޔަގީން ވެއްޖެއެވެ.

މުބާރާތުގެ ކުއާޓާފައިނަލްގެ މެޗުތައް ރޭ ކުޅެފައިވާ އިރު، މެޗުތައް ފެނިގެންދިޔައީ ފޯރިގަދަކޮށެވެ.

އެގޮތުން ކުއާޓާގެ ފުރަތަމަ މެޗުގައި ޝަބްނަމީ ކަނެކްޓް އަދި އައުޓްރީފް ސްޕޯޓްސް ކްލަބު ވާދަކޮށް، 5-2ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ އައުޓްރީފެވެ.

އެ މެޗުގައި ފުރަތަމަ ދެ ގޯލްވެސް ޖެހީ ޝަބްނަމީ ކަނެކްޓުންނެވެ. ފުރަތަމަ ހާފް ނިމުނު އިރު، އަހުމަދު އަސީލްގެ ގޯލާއެކު ޝަބްނަމީ ކަނެކްޓް ކުރީގައި އޮތް އިރު، ދެވަނަ ހާފްގައި ހަސަން ނަޒީމްގެ ޕެނެލްޓީން އެޓީމު ލީޑު ފުޅާވެސް ކުރިއެވެ.

ޝަބްނަމީ ކަނެކްޓުން ދެ ގޯލްގެ ލީޑަކާއެކު ކުޅެމުންދިޔަ ނަމަވެސް، މެޗު ނިމެންދަނިކޮށް އައުޓްރީފުން ވަނީ ފުލުފުލު ގޯލްތައް ޖަހާ، ނަތީޖާ އަނބުރާލާފައެވެ. އެޓީމުގެ އަހުމަދު އައިހަމް ދެ ގޯލް ޖެހި އިރު، އަބްދުﷲ ޝައްފާން (ޝާކާ)ވެސް ވަނީ ދެ ގޯލް ޖަހައިފައެވެ. އަދި ފަހު ގޯލް ޖެހީ އަލީ އިރުފާދެވެ.

ކުއާޓާގެ ދެވަނަ މެޗުގައި އެފްސީ ބަލަމާއިން ޑެޓްރޮއިޓްސް ޗިކަން ޑިނާ ބަލިކުރީ ޕެނެލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ އޮތީ 1-1އިން އެއްވަރުވެފައެވެ. ޕެނެލްޓީގައި ބަލަމާ މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ޗިކަން ޑިނާގެ މުހައްމަދު ރިޝާން ގޯލެއް ޖަހާފައި ވަނިކޮށް، ބަލަމާގެ މުހައްމަދު ވަހީދު ޖެހި ގޯލާއެކު މެޗުގެ ނަތީޖާ ވަނީ ހަމަހަމަވެފައެވެ. ޕެނެލްޓީގައި ވިދާލީ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ބަލަމާގެ ގޯލްކީޕަރު ޒައިދާން އަބްދުﷲ (އަސޫ)އެވެ.

ކުއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި ފޮއިމަތި ސްޕޯޓްސް ކްލަބު ކައިރިން ކަންމަތި އެސްސީ މޮޅުވީ ފަސޭހަކަމާއެކު، 3-0ގެ ނަތީޖާއަކުންނެވެ. ކަންމަތި އެސްސީގެ އަލީ ހާފިޒް (ހާއްޕެ) ދެ ގޯލް ޖެހި އިރު، އަނެއް ގޯލް ޖެހީ އިބްރާހީމް އަސްވާދު (ގަބޭ)އެވެ.

ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ކުލަމަޖާ އަދި ވައިއާރްސީ ވާދަކުރި އިރު، އެ މެޗުގެ ފަހުވަގުތުގައި ގޯލް ޖަހައިގެން ވައިއާރްސީ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ހަމައެކަނި ގޯލްވެސް ޖަހައިދިނީ، މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަބްދުﷲ ޝާފިއު (ޝާއްޕެ)އެވެ.

ސެމީގައި ވައިއާރްސީއާ އެފްސީ ބަލަމާ ވާދަކުރަން ޖެހޭ އިރު، ކަންމަތި އެސްސީން ނުކުންނާނީ އައުޓްރީފާ ދެކޮޅަށެވެ. ސެމީގެ ދެމެޗުވެސް މިރޭ އޮންނާނެއެވެ.

ޖުމްލަ 16 ޓީމާއެކު ކުރިއަށްދާ ރިވޮލިއުޝަން ކަޕަކީ މީގެކުރިން 2015 ވަނަ އަހަރުވެސް ބާއްވާފައިވާ މުބާރާތެކެވެ. ލ. ގަމު ތުނޑީ އަވަށު ޒުވާނުން އިސްނަގައިގެން ބާއްވާ އެ މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ހުރިހާ ތަރިން ކަހަލަ ގޮތަކަށް ފެނިގެންދެއެވެ. އޭގެ އިތުރުން، ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނިމިފައި އޮތުމާއެކު ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކްލަބުތަކުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއްވެސް މިއަހަރުގެ މުބާރާތުގައި ފެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު