ގައުމީ ޓީމުތަކަށް މިހާރުވެސް ކުޅޭ ކުޅުންތެރިންގެ ތެރެއިން، ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިންގެ ލިސްޓްގެ ދެވަނައަށް ސުނިލް ޗެތުރީ ޖެހިލައިފިއެވެ.

މީގެ ކުރިން އެ މަގާމުގައި އޮތީ އާޖެންޓީނާގެ ލިއޮނަލް މެސީއެވެ. އެއްވަނައިގައި އޮތީ ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިހާރު ޑުބާއީގައި ކުރިއަށްދާ އޭޝިއަން ކަޕްގައި ރޭ އިންޑިއާއިން ތައިލެންޑް ބަލިކޮށް، 55 އަހަރު ފަހުން އޭޝިއަން ކަޕްގައި ފުރަތަމަ މޮޅެއް ހޯދި އިރު، މެޗު އިންޑިއާއިން ކާމިޔާބުކުރީ 4-1ގެ ނަތީޖާއިންނެވެ. އެ ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް ޖެހީ، އެ ގައުމުގެ ލެޖެންޑްރީ ފޯވަޑް ސުނިލް ޗެތުރީއެވެ.

ރޭގެ މެޗަށް ނުކުތް އިރު، ގޯލް ލިސްޓްގައި ޗެތުރީ އޮތީ މެސީއާ އެއްވަރުވެފައެވެ. އެއީ ކޮންމެ ކުޅުންތެރިޔަކުވެސް 65 ގޯލް ޖަހައިގެންނެވެ. ރޭ ޖެހި ދެ ގޯލާއެކު ޗުތުރީގެ އަދަދު 67 އަކަށް އަރާފައިވާ އިރު، ލިސްޓްގެ އެއްވަނައިގައި ރޮނާލްޑޯ އޮތީ ގައުމީ ޓީމަށް 85 ގޯލް ޖަހައިދީފައެވެ.

މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި ސުނިލް ޗެތުރީ އިންޑިއާއަށް ކުޅުނު 100 ވަނަ މެޗު އެގައުމުގެ ފުޓުބޯޅަ އިދާރާއިން ފާހަގަކޮށްފައިވާ އިރު، އެ މެޗުގައިވެސް ކެންޔާ ކޮޅަށް އޭނާ ވަނީ ދެ ގޯލް ޖަހައިފައެވެ.

އުމުރުން 34 އަހަރުގެ ސުނިލް ޗެތުރީއަކީ އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޔޫރަޕްގައިވެސް ކުޅެ، އިންޑިއާގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށް މުހިއްމު ރޯލެއް އަދާކޮށްފައެވެ. މީގެ ކުރިން 2011 ވަނަ އަހަރުވެސް އޭޝިއަން ކަޕް ކުޅުނު ޗެތުރީ އަކީ މިވަގުތު އޭޝިއަން ކަޕްގެ ޓޮޕް ސްކޯރާވެސް މެއެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެ ގަދަ 10ގެ ތެރޭގައި އަލީ އަޝްފާގު (ދަގަނޑޭ)ވެސް ހިމެނެއެވެ. އޭނާ ވަނީ ރާއްޖެގެ ގައުމީ ޓީމަށް 52 ގޯލް ޖަހައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު