ޑުބާއީގައި ކުރިއަށްދާ އޭޝިއަން ކަޕްގެ ގްރޫޕް ބީގައި ރޭ ސީރިއާއާއި ފަލަސްތީނު ކުޅުނު މެޗު 0-0ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

އަލް ސާރުޖާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 69 ވަނަ މިނެޓުގައި ސީރިއާގެ މުހައްމަދު ސަލޭހްއަށް ދެއްކި ރަތްކާޑާއެކު އެޓީމުން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އޭގެ ބޭނުންވެސް ފަލަސްތީނަށް ހިފިފައިނުވާ އިރު، ފަލަސްތީނަކީ ރާއްޖެއާ އެއް ގްރޫޕެއްގައި ކުޅެ، މުބާރާތަށް ކޮލިފައިވި ޓީމެއްކަން ފާހަގަކޮށްލެވެއެވެ.

އޭޝިއަން ކަޕްގައި ރޭ އިންޑިއާއިން 55 އަހަރަށްފަހު ފުރަތަމަ މޮޅު ހޯދި އިރު، އެ ގައުމުން ތައިލެންޑް ބަލިކުރީ 4-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. 12 އަހަރަށްފަހު ތައިލެންޑުން އޭޝިއަން ކަޕް ކުޅެމުންދާ އިރު، އެގައުމުގެ ފެޑަރޭޝަނުން އުންމީދުކުރީ އިއްޔެގެ މެޗަށްވުރެ ރަނގަޅު ނަތީޖާއަކަށް ކަން ޔަގީނެވެ.

މެޗަށްފަހު މާ ގިނަ އިރެއް ނުވާނީސް، ގައުމީ ޓީމުގެ ކޯޗު މިލޮވާން ރަޖެވަކް ވަނީ މަގާމުން ވަކިކޮށްފައެވެ.

ސާބިއާގެ ރަޖެވަކަކީ 2010 ވަނަ އަހަރު ގާނާއާއެކު ވޯލްޑް ކަޕަށް ގޮސް، އެޓީމު ކުއާޓާއަށް ގެންގޮސްދިން ކޯޗެވެ. އޭނާ ތައިލެންޑްގެ ކޯޗުކަމާ ހަވާލުވީ 2017 ވަނަ އަހަރު އޭޕްރީލްގައެވެ. އަދި މިދިޔަ އަހަރު ފެބްރުއަރީ މަހު އޭނާ ވަނީ ކޮންޓްރެކްޓް އާކޮށްފައެވެ.

މިފަހަރުގެ އޭޝިއަން ކަޕަށް ދިޔުމުގެ ކުރިން ރަޖެވަކް ވަނީ ތައިލެންޑާއެކު މިދިޔަ އަހަރުގެ އޭއެފްއެފް ކަޕަށް ނުކުމެފައެވެ. ފަސް ފަހަރު އެ މުބާރާތުގެ ޗެމްޕިއަން ތައިލެންޑް މުބާރާތުގެ ކެޓީ ސެމީގައި މެލޭޝިއާ އަތުން ބަލިވެގެންނެވެ.

ރޭގެ ވަގުތެއްގައި ތައިލެންޑްގެ ކޯޗު މަގާމުން ވަކިކޮށްފައިވާ އިރު، އެ ޓީމަށް ދެން މުބާރާތުގައި ބާކީ އޮންނާނީ، ހޯސްޓް ގައުމު ޔޫއޭއީގެ އިތުރުން ބަހްރެއިނާ ދެކޮޅަށް ކުޅޭ މެޗެވެ.