ބާސެލޯނާގެ ކެޕްޓަން އަންޑްރޭ އިނިއެސްޓާގެ ކުރިމަގާއި ދޭތެރޭ ވަކިގޮތެއް ކުރިއަށް މި އޮތް މަސް ތެރޭގައި ނިންމާނޭކަމަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޗެލްސީ އާއި ބައްދަލުކުރި މެޗަށް ފަހު ވާހަކަދައްކަމުން އޭނާ ބުނެފިއެވެ. އިނިއެސްޓާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރުކަމާއި މެދު އެއްވެސް ޝައްކެއް ނެތް އިރު އިނިއެސްޓާއަށް ޗައިނީޒް ސުޕާރ ލީގުގެ ކުލަބަކުން ހުށަހެޅުމެއް ލިބިފައިވާކަމަށް ބުނާ ރިޕޯޓްތަކެއްވެސް ވަނީ އާންމުވެފައެވެ.

އުމުރުން 33 އަހަރުގެ އިނިއެސްޓާއަށް މިހާރު ކުރިން ކުޅުނު ގޮތައް ހަފްތާއަކު 2-3 މެޗުގެ ފުރިހަމަ 90 މިނެޓް ކުޅުމުގައި ދަތިތަކެއް އުޅޭއިރު އޭނާ އަކީ އަދިވެސް ބާސެލޯނާގެ ޓީމުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އެކަމުގެ އެންމެ ފުރިހަމަ ހެއްކަކީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަދި ޗެލްސީ ބައްދަލުކުރި ދެ މެޗުގައިވެސް އިނިއެސްޓާގެ އަސްލު ފެންވަރު ފެނިގެން ދިޔުމުންނެވެ.

އިނިއެސްޓާ ޗައިނީޒް ސުޕާރ ލީގަށް ގެންދިޔުމަށް ޗައިނާގެ ޓިއާންޖިން ކުއާންޖިއާންއިން ޝައުގުވެރިވާކަމަށް ޚަބަރު ފެތުރިފައިވާއިރު ބާސެލޯނާ އަދި ޓިއާންޖިންއިން ވެސް ވަނީ މި ހަބަރަކީ ދޮގު ހަބަރެއްކަމަށް ބުނެފައެވެ. އެހެން ހަބަރުތަކުގައި ބުނާގޮތުން ނަމަ އިނިއެސްޓާ ހުރީ ރިޓަޔާރކުރުމާއި ޖެހެންދެން ބާސެލޯނާގައި މަޑުކުރުމަށް ގަސްދުކޮށްގެންނެވެ. އަދި ބާސެލޯނާއިން ވެސް އޮތީ އިނިއެސްޓާއަށް އުމުރު ދުވަހުގެ ކޮންޓްރެކްޓްއެއް ދިނުމަށް ތައްޔާރަށެވެ. އިނިއެސްޓާ ވަނީ އޭނާގެ ކުރިމަގާއި ބެހޭގޮތުން ވަކި ގޮތެއް މި އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިންމާނޭކަމަށް ބުނެފައެވެ.