އޭޝިއަން ކަޕްގައި އަލަށް ވާދަކުރާ ކިރިގިސްތާނު އަތުން ޗައިނާ ހަނި މޮޅެއް ހޯދައިފިއެވެ.

ޑުބާއީގައި މިހާރު ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސީގައި މިއަދު ކުޅުނު މެޗުން ޗައިނާ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. ހަލީފާ ބިން ޒައިދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ކިރިގިސްތާނުންނެވެ. ޗައިނާއިން ދެ ގޯލް ޖެހީ ފަހަތުން އަރައެވެ.

1976 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުޅުނު ހުރިހާ އޭޝިއަން ކަޕެއްގައިވެސް ކުޅެފައިވާ ޗައިނާއަކީ އެންމެފަހުން މުބާރާތުގެވެސް ކުއާޓާފައިނަލް ކުޅެފައިވާ ޓީމެކެވެ. އަދި ދެ ފަހަރެއްގެ މަތިން އެގައުމުން ވަނީ އޭޝިއަން ކަޕްގެ ރިހި މެޑަލްވެސް ހޯދާފައެވެ.

ޗައިނާއަކީ މުބާރާތުގެ ގަދަ ބާރެއް ނަމަވެސް، މިއަދުގެ މެޗު ވަރުގަދަކޮށް ފެށީ ކިރިގިސްތާނުންނެވެ. އެޓީމުން ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅުނު އިރު، އަހްލިޑީން އިޒްރައިލޯވްގެ ގޯލުން އެޓީމު ލީޑުވެސް ނެގިއެވެ، ލީޑާއެކު ކިރިގިސްތާނުން ފުރަތަމަ ހާފް ނިންމާލި އިރު، ޗައިނާއިން ގަދަ ކުރީ ދެވަނަ ހާފްގައެވެ.

50 ވަނަ މިނެޓުގައި ކިރިގިސްތާނުގެ ގޯލްކީޕަރު ޕަވެލް މަތިއާޝް އަތުން ބައިކޮޅަށް ވަން ގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މަތިއާޝްއަކީ މީގެކުރިން ރާއްޖޭގެ ލީގުގައި މާޒިޔާއަށް ކުޅެފައިވާ ގޯލްކީޕަރެކެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ޗައިނާއިން ލީޑުވެސް ނެގިއެވެ. ޗައިނާގެ ޔޫ ޑަބޯއާ ލީޑު ނެގި އިރު، އެ ގޯލްގައިވެސް ކިރިގިސްތާނުގެ ޑިފެންސާއި، ގޯލްކީޕަރު ގޯސް ފާހަގަކޮށްލެވުނެވެ.

މިރޭ މިހާރު ކުރިއަށް ދަނީ ދެކުނު ކޮރެއާއާއި ފިލިޕީންސް ވާދަކުރާ މެޗެވެ.