އެފްރިކާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް އަންނަ އަހަރު ބާއްވާނެ ގައުމަކީ މިސްރު ކަމަށް އެފްރިކަން ފުޓްބޯލް ކޮންފެޑެރޭޝަނުން މިއަދު އިއުލާން ކޮށްފިއެވެ.

މިސްރަށް ބިޑް ކާމިޔާބުވީ ބޮޑު ތާއިދާއެކުގައެވެ. މިސްރާއެކު ވާދަކުރި ދެކުނު އެފްރިކާއަށް އެއް ވޯޓު ލިބުނު އިރު، މިސްރަށް ވަނީ އެކްޒެކެޓިވް މެމްބަރު ގައުމުތަކުގެ 16 ވޯޓު ލިބިފައެވެ. ދެކުނު އެފްރިކާއަށް ވޯޓު ދިނީ ސެނެގާލް އެކަންޏެވެ.

އަންނަ ޖޫން މަހު މުބާރާތް އޮންނަ އިރު، ކުރިއާ ހިލާފަށް މިފަހަރު ވާދަކުރާ ޓީމުތައް ގިނަވާނެއެވެ. ޖުމްލަ 24 ޓީމު މުބާރާތުގައި ކުޅޭ އިރު، މުބާރާތަށް ތައްޔާރުވުމަށް މިސްރަށް ލިބޭނީ އެންމެ ހަ މަހެވެ. މިފަހަރުގެ މުބާރާތް ވެގެންދާނީ މިސްރުން ހޯސްޓް ކުރާ ފަސްވަނަ އެފްރިކަން ކަޕަށެވެ. އެންމެފަހުން އެގަުމުގައި އެފްރިކަން ކަޕް ހޯސްޓް ކޮށްފައި ވަނީ 2006 ވަނަ އަހަރުގައެވެ.

މިއަދުގެ ވަގުތެއްގައި އެފްރިކާގެ މޮޅު ކުޅުންތެރިޔާ އިއުލާން ކުރާ ހަފްލާވެސް ސެނެގާލްގައި ކުރިއަށްދާ އިރު، އެ މަގާމަށް ސަލާހާއެކު ވާދަކުރާނީ އަބަމަޔާންއާއި ސަޑިއޯ މާނޭއެވެ.

ކިޔުންތެރިންގެ ހިޔާލު