ލ. ގަމު ތުނޑީ އަވަށުގައި ކުރިއަށްދާ، ރިވޮލިއުޝަން ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލަށް ކަންމަތި އެފްސީއާއި ވައިއާރްސީ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ރޭ ކުޅޭފައިވާ އިރު، ފުރަތަމަ ސެމީގައި ވާދަކުރީ އައުޓްރީފް އެސްސީއާއި ކަންމަތި އެސްސީއެވެ.

މެޗުގެ ފުރަހަމަ ވަގުތު ހަމަވި އިރު، 1-1ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައި އޮތް އިރު، އައުޓްރީފްގެ ގޯލް ޖެހީ އިސްމާއީލް ވިފާގެވެ. ކަންމަތީގެ ގޯލް ޖެހީ އަލީ ހާފިޒު (ހާއްޕެ)އެވެ.

މެޗުގެ ނަތީޖާ ޕެނެލްޓީ ޖަހައިގެން ނެރުނު އިރު، ޕެނެލްޓީން ކަންމަތި އެސްސީ މޮޅުވީ 4-3ގެ ނަތީޖާއަކުންނެވެ.

ރޭގެ ސެމީ ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ/ މުބާރާތުގެ އޮފިޝަލް ފޮޓޯގްރަފާ ޖަޒްލާން

ރޭ ކުޅުނު ދެވަނަ ސެމީ ފައިނަލްވެސް ފެނުނީ ފޯރިގަދަކޮށެވެ. ވައިއާރްސީއާއި އެފްސީ ބަލަމާ ވާދަކުރި އިރު، 2-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ވައިއާރްސީއެވެ. ވައިއާރްސީގެ ދެ ގޯލްވެސް، އަބްދުﷲ ޝާފިއު ކާމިޔާބުކުރި އިރު، އެފްސީ ބަލަމާގެ ގޯލް ޖެހީ ހަސަން ފަރީދެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތާއި ފައިނަލް މެޗު މާދަމާރޭ އޮންނަ އިރު، ނިންމުމުގެ ރަސްމިއްޔާތުގައި ރަސް ތުނޑި ގްރޫޕްގެ ހާއްސަ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް މުބާރާތް ބާއްވާ ފަރާތުން މައުލޫމާތު ދެއެވެ.

ޖުމްލަ 16 ޓީމާއެކު ކުރިއަށްދާ ރިވޮލިއުޝަން ކަޕަކީ މީގެކުރިން 2015 ވަނަ އަހަރުވެސް ބާއްވާފައިވާ މުބާރާތެކެވެ. ލ. ގަމު ތުނޑީ އަވަށު ޒުވާނުން އިސްނަގައިގެން ބާއްވާ އެ މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ހުރިހާ ތަރިން ކަހަލަ ގޮތަކަށް ފެނިގެންދެއެވެ.

އޭގެ އިތުރުން، ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނިމިފައި އޮތުމާއެކު ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކްލަބުތަކުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއްވެސް މިއަހަރުގެ މުބާރާތުގައި ފެނިފައިވެއެވެ.