ލ.ފޮނަދޫ، ބައްރު ކްލަބުގެ 14 އަހަރުން ދަށުގެ ފުޓްސަލް ލީގު މިއަދު ފަށާނެއެވެ.

މުޅި ފޮނަދުއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތުގައި ފޮނަދޫގެ ހަތަރު ޓީމުން ވާދަކުރާ އިރު، މުބާރާތް އިންތިޒާމު ކުރަނީ އެރަށު ބައްރު ކްލަބުންނެވެ.

މުބާރާތް އިންތިޒާމް ކުރާ ބައްރު ކްލަބުގެ ފަރާތުން މައުލޫމާތުދީފައިވާ ގޮތުގައި، މުބާރާތުގެ މައިގަނޑު މަގުސަދަކީ ޒުވާން ކުޅުންތެރިންގެ ހުނަރު ދެނެގަނެ، ކުޅުންތެރިންނަށް ކުރިއެރުމަށް ފުރުސަތު ހޯދައިދިނުމެވެ.

އޭގެ އިތުރުންވެސް ރަށުގެ އިޖުތިމާއީ ރޫހު އާލާކޮށް، ޒުވާން ކުދިން ކުޅިވަރުގެ ތެރެއަށް، ހާއްސަކޮށް ފުޓުބޯޅައިގެ ތެރެއަށް ނެރުމަކީ ކްލަބުން ބާއްވާ މުބާރާތުގެ އެއް މަގުސަދު ކަމަށް އެ ކްލަބުން މައުލޫމާތު ދެއެވެ.

މުބާރާތް ފެށުމުގެ ގޮތުން މާދަމާ ހާއްސަ ހަރަކާތެއް އޮންނަ އިރު، މުބާރާތް ޝަރަފުވެރި ކޮށްދެއްވާނީ ރާއްޖޭގެ ގައުމީ ޓީމާއެކު ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން، އައްސަދު އަބްދުލްޣަނީއެވެ.

ބައްރު ކްލަބުން ބުނެފައި ވަނީ އައްސަދަ ފަދަ ލެޖެންޑެއް މުބާރާތް ޝަރަފުވެރި ކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މުބާރާތް ފެށުމުގެ ގޮތުން މާދަމާ އޮންނަ އިވެންޓްގައި އައްސަދާއެކު ސެލްފީ ނެގުމާއި، ފޮޓޯ ނެގުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށެވެ.

އައްސަދަކީ ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ގިނަ ބަޔަކު އިހުތިރާމް ކުރާ އެއް ކުޅުންތެރިއެކެވެ. ކްލަބު ވެލެންސިއާއިން ޕްރޮފެޝަނަލް ކެރިއަރު ފެށި އައްސަދު ވަނީ ނިއު ރޭޑިއަންޓާއި ކްލަބު އީގަލްސްއަށްވެސް ކުޅެފައެވެ. ގައުމީ ޓީމަށް 90 އަށްވުރެ ގިނަ މެޗު އައްސަދު ކުޅެދީފައިވާ އިރު،  އޭނާ އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ނެގި އިރު، އެޓީމުގެ ކެޕްޓަނުގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. saLi. ކުރިއަށް