ލީގުގެ ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޓޮޓެންހަމްއިން ޗެލްސީގެ މައްޗަށް ކުރިހޯދައިފިއެވެ.

ރޭ ވެންބްލީ ސްޓޭޑިއަމްގައި ކުޅުުނު މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ޓޮޓެންހަމްގެ ހެރީ ކޭން ކާމިޔާބުކޮށްދިނީ ލިބުނު ޕެނެލްޓީއަކުންނެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ޕެނެލްޓީ ލިބުނީ ޗެލްސީ ގޯލްކީޕަރު ކެޕާ، ކޭންއަށް ކުރި ފައުލަކާ ގުޅިގެންނެވެ. އޭރިއާ ތެރޭގައި ކޭން ހުރި އިރު، ޕެނެލްޓީ ދިނުމުގެ ކުރިން، ރެފްރީ އޮލިވިއާ ވަނީ ވީއޭއާރްގެ އެހީ ހޯދާފައެވެ.

މިރޭގެ މެޗުގައި ދެޓީމުންވެސް ގިނަ ހަމަލާތަކެއް އުފައްދާފައިވާ އިރު، ދެވަނަ ލެގުގައި ނަތީޖާ އަނބުރާލުމަށް ޗެލްސީއަށް ކުރަން ޖެހޭ މަސައްކަތް ބޮޑެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީން ދެފަހަރަށް ގޯލްގެ ދަނޑިއަށް ހަމަލާތައް އަމާޒުކޮށްލައިފައިވެއެވެ. މިޑްފީލްޑަރު ކަންޓޭގެ ހަމަލާވެސް ދަނޑީގައި ޖެހިފައިވާ އިރު، ޒުވާން ވިންގާ ކަލުމް ހުޑަސަން ފޮނުވާލި ހަމަލާވެސް ސްޕާސްގެ ގޯލްކީޕަރު ޕައުލޯ ގަޒަނީގާ އަތުގައި ޖެހިފައި ގޮސް ޖެހުނީ ގޯލްގެ ދަނޑީގައެވެ.

މެޗުގައި ފެނުނު އިތުރު ހަމަލާތަކަށް ބަލާ އިރު، ޗެލްސީގެ ޑިފެންޑަރު ކްރިސްޓިއެންސެންއަށްވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ގޯލް ކައިރިން އޭނާއަށް ލިބުނު ބޯޅަ ބޭރަށް ފޮނުވާލި އިރު، އަނެއް ކޮޅުން ކޭންގެ ބާރު ހަމަލާއެއް ޗެލްސީގެ ގޯލްކީޕަރު ކެޕާ ވަނީ މަތަކޮށް ބޭރުކޮށްލާފައެވެ.

ލީގު ކަޕްގެ ސެމީ ފައިނަލް ދެވަނަ ލެގު އޮންނާނީ މިމަހު 24 ވަނަ ދުވަހުއެވެ.