ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ، އަނެއްކާވެސް އެނބުރި ޕޯޓޯއަށް ސޮއިކޮށްފިއެވެ.

އުމުރުން 35 އަހަރުގެ ޕެޕޭ، ޕޯޓޯއަށް ސޮއިކޮށްފައި ވަނީ ދެއަހަރާ ބައިގެ އެގްރީމެންޓެއްގެ ދަށުންނެވެ. އޭނާގެ ހޯމް ކްލަބު ޕޯޓޯއަށް އެނބުރި ގޮސްފައި ވަނީ 12 އަހަރު ފަހުންނެވެ. ޕޯޓޯ ދޫކޮށް، ޒުވާން އުމުރުގައި ޕެޕޭ ގޮސްފައި ވަނީ ރެއާލް މެޑްރިޑަށެވެ.

ޕޯޗުގަލްގެ ގައުމީ ޓީމަށް 103 މެޗަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ޕެޕޭ ވަނީ ރެއާލްއާއެކު ޗެމްޕިއަންސް ލީގާއި، ލަލީގާވެސް ތިން ފަހަރަށް ކާމިޔާބުކޮށްފައެވެ. ގިނަ ދުވަސްތަކެއްގައި ރެއާލްއަށް ކުޅުމަށްފަހު ޕެޕޭ އެ ކްލަބު ދޫކޮށް ދިޔައީ، ތުރުކީގެ ބެސްކިޓާސްއަށެވެ.

އެ ކްލަބުގެ މާލީ ހާލަތު ދަށްވުމުން ޕެޕޭ ދޫކޮށްލީ މިދިޔަ ޑިސެންބަރު މަހުގައެވެ. އޭގެ ފަހުން ޕެޕޭ ހުރީ ފްރީ އޭޖެންޓެއްގެ ގޮތުގައެވެ.

ޕެޕޭ އެނބުރި ޕޯޓޯއަށް ގުޅުމާއެކު އޭނާއަށް އެންމެ ފުރަތަމަ މަރުހަބާ ކީ، ކުރިން ރެއާލްގައި ޕެޕޭއާއެކު ކުޅެފައިވާ ގޯލްކީޕަރު އީކާ ކަސިޔާސްއެވެ. އޭނާގެ އިންސްޓާގްރާމްގައިވެސް ވަނީ ޕެޕޭއަށް މަރުހަބާ ކިޔާ ސެލްފީއެއް ލާފައެވެ.