އެފްރިކާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު، ލިވަޕޫލް އަދި މިސްރުގެ ތަރި، މުހައްމަދު ސަލާހް ދިފާއު ކޮށްފިއެވެ.

މިދިޔަ އަހަރުވެސް އެ މަގާމު ހޯދި ސަލާހް އެ މަގާމު ދިފާއުކުރި ގަބޮންގެ ފޯވަޑް އަބަޔަމަޔާންއާއި ސެނެގާލްގެ ސަޑިއޯ މާނޭއާ ވާދަކޮށްގެންނެވެ.

އުމުރުން 26 އަހަރުގެ ސަލާހަކީ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާކަން އިއުލާން ކޮށްފައި ވަނީ ރޭ ސެނެގާލްގައި ބޭއްވި ކުލަގަދަ ހަފްލާގައެވެ.

ސަލާހަށް ރޭގެ އެވޯޑު ހަވާލުކުރުމާއެކު އޭނާ ވަނީ އެފްރިކާގެ ހާއްސަ ނެށުމެއް ސްޓޭޖުމަތިން ދައްކާލާފައެވެ. އެ ނެށުމަށް މުޅި އިންޓަނެޓްގެ ނަޒަރު ހުއްޓިފައިވާ އިރު، މުޅި ޓްވިޓާގައި މިހާރު އޮތީ އެ ނެށުމުގެ މަންޒަރުތަކެވެ.

މިދިޔަ ސީޒަންގައި ސަލާހް ވަނީ ޖުމްލަ 44 ގޯލް ޖަހައިފައެވެ. ލިވަޕޫލާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ސަލާހް ދަތުރުކޮށްފައިވާ އިރު، މިސްރުގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕަށް ގޮސް، ވޯލްޑް ކަޕްގައިވެސް އޭނާ ވަނީ ދެ ގޯލް ޖަހައިފައެވެ.

އަންނަ އަހަރު އެފްރިކަން ކަޕް، ސަލާހްގެ އުފަން ގައުމު މިސްރުގައި ބޭއްވުމަށް މިއަދު ކޮންކެފްއިން ނިންމާފައިވާ އިރު، މިރޭގެ ހަފްލާގައި ވަނީ މިދޔަ އަހަރު އެފްރިކާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާވެސް ހޮވާފައެވެ. މިދިޔަ އަހަރު އެފްރިކާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ދެކުނު އެފްރިކާގެ ތެންބީ ގަތަލާނާއެވެ.