ޗައިނާގެ ކްލަބަކުން ވެސްޓަމްގެ ތަރި، މާކޯ އަރުނޯޓޮވިޗަށް ބިޑްކޮށްފިއެވެ.

އަރުނޯޓޮވިޗަށް ބިޑްކޮށްފައި ވަނީ ޗައިނާގެ ކޮން ކްލަބަކުން ކަން އެނގިފައިނުވާ އިރު، އޭނާއަށް ކޮށްފައި ވަނީ 35 މިލިއަން ޕައުންޑުގެ ބިޑެކެވެ.

އުމުރުން 29 އަހަރުގެ އަރުނޯޓޮވިޗް ވަނީ މި ސީޒަންގައި ކުޅުނު 17 މެޗުން އަށް ގޯލް ޖަހާފައެވެ. ވެސްޓް ހަމްގެ ކޮންޓްރެކްޓްގައި 2022 އަހަރާ ހަމައަށް ހުރި އަރުނޯޓޮވިޗް ވިއްކާލުމަށް ވެސްޓްހަމްއިން އެއްވެސް ގޮތަކަށް ބޭނުން ނުވާ ކަމަށް މީޑިއާތައް ރިޕޯޓުކުރިއެވެ.

މިދިޔަ އަހަރު ފަހުކޮޅު، އަރުނޯޓޮވިޗަށް ވަނީ ގިނަ އަނިޔާތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އޭނާއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފައެވެ. އެފްއޭ ކަޕްގައި ވެސްޓްހަމްއިން އެންމެފަހުން ކުޅުނު މެޗުގައިވެސް އަރްނޯޓޮވިޗް ކުޅެފައިވާ އިރު، އޭނާ ވަނީ ގޯލް ޖަހައިފައެވެ. އަދި އެ މެޗުގެ ވަކި ހިސާބަކުން އޭނާގެ ބުރަކަށްޓަށް އެރި ތަދާއެކު، ފޭބިކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު