ލ. ގަމު ތުނޑީ އަވަށުގައި ކުރިއަށްދާ، ރިވޮލިއުޝަން ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޔޫތު ރިވޮލިއުޝަން ކްލަބު (ވައިއާރްސީ)އިން ހޯދައިފިއެވެ.

ރޭ ކުޅުނު ފޯރިގަދަ ފައިނަލުގައި ވައިއާރްސީއާ ވާދަކުރީ ކަންމަތި އެސްސީއެވެ. ރޭގެ މެޗު ވައިއާރްސީން ކާމިޔާބުކުރީ ޕެނެލްޓީ ޖަހައިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީގައި ވައިއާރްސީގެ ގޯލްކީޕަރު އިސްމާއީލް ފާތިހު (ތާޑޭ) ވަނީ ދެ ޕެނެލްޓީ މަތަކޮށްފައެވެ. މެޗުން ވައިއާރްސީ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލް ޖެހީ ވައިއާރްސީންނެވެ. އެޓީމަށް ލީޑު ނަގައިދިނީ އަބްދުﷲ ޖުނައިދު (ޖޭނޭ)އެވެ. ކަންމަތި އެސްސީން ނަތީޖާ ހަމަހަމަ ކުރީ ސިނާހު (ސިނާ)ގެ ގޯލުންނެވެ. މެޗުގައި ޖެހި ޕެނެލްޓީން ވައިއާރްސީގެ ޖޭނޭއާއި އަޖުވަދު ޖެހި ޕެނެލްޓީވެސް ކާމިޔާބުކުރި އިރު، ކަންމަތި އެސްސީގެ އަލީ ހާފިޒު އަދި ސިނާ ޖެހި ޕެނެލްޓީވެސް ތާޑާ މަތަކުރިއެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް އެފްސީ ބަލަމާ ހޮވުނު އިރު، އެންމެ ގިނަ ގޯލް ޖެހީ ފޮއިމަތި އެފްސީގެ މުހައްމަދު މުސްލިހެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޖޭނޭއާއި ވައިއާރްސީގެ އަބްދުﷲ ޝާފިއު (ޝާއްޕެ)، އެފްސީ ބަލަމާގެ ގޯލްކީޕަރު ޒައިދާން އަހުމަދު އަދި ކަންމަތީ އެސްސީގެ އަލީ ހާފިޒް އަދި އައުޓްރީފްގެ ހުސައިން ޝަރީފް (އޮންލީ)އެވެ.

ޖުމްލަ 16 ޓީމާއެކު ކުރިއަށްދާ ރިވޮލިއުޝަން ކަޕަކީ މީގެކުރިން 2015 ވަނަ އަހަރުވެސް ބާއްވާފައިވާ މުބާރާތެކެވެ. ލ. ގަމު ތުނޑީ އަވަށު ޒުވާނުން އިސްނަގައިގެން ބާއްވާ އެ މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ހުރިހާ ތަރިން ކަހަލަ ގޮތަކަށް ފެނިގެންދެއެވެ.

އޭގެ އިތުރުން، ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނިމިފައި އޮތުމާއެކު ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކްލަބުތަކުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއްވެސް މިއަހަރުގެ މުބާރާތުގައި ފެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު