ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، 2009 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ލާސް ވޭގަސްގެ ހޮޓަލެއްގެ ތެރޭގައި އަންހެނަކު ރޭޕު ކުރިތޯ ބަލަން ޑީއެންއޭ ޓެސްޓު ހެދުމަށް، އޭނާގެ ހަށިގަނޑުން ޓެސްޓު ހެދުމަށް އެސަރަޙައްދުގެ ފުލުހުން އެދެފިއެވެ.

ލާސް ވޭގަސްގެ ފުލުހުން ވަނީ ރޮނާލްޑޯގެ ޑީއެންއޭ ޓެސްޓު ހެދުމަށްޓަކައި ސާމްޕަލް ނަގަން، ކޯޓު އަމުރެއް ހޯދާފައެވެ. އަދި، މި ކޯޓު އަމުރު އިޓަލީގެ ކަމާބެހޭ ފަރާތްތަކަށް މިހާރުވަނީ ފޮނުވާފައެވެ.

ލާސް ވޭގަސްގެ ހޮޓަލެއްގައި، ކެތުރީން މަޔޯގާވަނީ ރޮނާލްޑޯގެ ބޮލުގައި ރޭޕުގެ އިލްޒާމު އަޅުވާފައެވެ. މަޔޯގާ، މި ތުހުމަތުތައް ރޮނާލްޑޯގެ ބޮލުގައި އަޅުވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނޫހަކަށް ދިން އިންޓަވިއު އެއްގައެވެ. އަދި، އެކަމުގެ ބަދަލު ހޯދަން ބޭނުންވާކަމަށް މަޔޯގާ ބުނެފައިވެއެވެ.

އެހެންނަމަވެސް، ޓްވިޓަރ މެދުވެރިކޮށް ރޮނާލްޑޯ ވަނީ މިކަންކަން ދޮގުކޮށްފައެވެ.

މިކަންކަމާ ގުޅިގެން ރޮނާލްޑޯގެ ވަކީލު ބުނެފައިވަނީ 2009 ވަނަ އަހަރު ދެމީހުންގެ މެދުގައި ހިނގި ކަންތައްތަކަކީ ރުހުމުގައި ހިނގި ކަންކަންކަމަށާއި، އެހެންކަމުން، ޑީއެންއޭ ހުންނާނެކަމީ އެއްވެސް ގޮތަކުން ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫންކަމަށެވެ.

ލާސް ވޭގަސް ފުލުހުން ބުނީ އެމީހުން އަމަލު ކުރަމުންދަނީ މިފަދަ ޖިންސީ ފުރައްސާރައިގެ ހުރިހާ މައްސަލައެއްގައިވެސް އަމަލު ކުރާ ބީދައިންކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތު ދެވެން ނެތްކަމަށްވެސް ބުނެފައިވެއެވެ.

2010 ވަނަ އަހަރުގެ ތެރޭގައި މަޔޯގާ ވަނީ ކޯޓުން ބޭރުން މި މައްސަލަ ނިންމަންވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން، މި ވާހަކަ އާއްމު ތަންތަނުގައި ނުދެއްކުމަށް ބަދަލެއްގެ ގޮތުން 375،000 ޑޮލަރު ދިނުމަށް ރޮނާލްޑޯ އަށް ހުށަހެޅިކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިނޮސެންޓް އަންޓިލް ޕްރޫވެން ގިލްޓީ