ޗެލްސީގެ ސްޕެއިން މިޑްފީލްޑަރު، ސެސްކް ފެބްރިގާސް، ފްރާންސް ލީގުގެ މޮނާކޯއަށް ސޮއިކޮށްފިއެވެ.

ފެބްރިގާސްއާއެކު ބާސާގައި ކުޅުނު ތިއެރީ އޮންރީގެ ކޯޗު ކަމުގައި ކުޅެމުންދާ މޮނާކޯއަށް އޭނާއަށް ސޮއިކުރީ ތިން އަހަރާ ބައިގެ އެއްބަސްވުމެއްގައެވެ.

އެންމެފަހުން ޗެލްސީން އެފްއޭ ކަޕްގައި ކުޅުނު މެޗުގައި ކެޕްޓަން ބޭންޑްވެސް އަޅާފައި ވަނީ އުމުރުން 31 އަހަރުގެ ފެބްރިގާސްއެވެ. އެ މެޗަށްފަހު ސަޕޯޓަރުންނަށް އަސަރުގަދަ އަލްވަދާއެއް ކީތަން ފެބްރިގާސްގެ ފަރާތުން ފެނިފައިވާ އިރު، އޭނާ މި ހަފްތާ ތެރޭގައި ޗެލްސީ ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ.

ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފެބްރިގާސް މޮނާކޯއަށް ދިޔައީ އަގަކަށް ނޫނެވެ. އެހެން ނަމަވެސް، ފެބްރިގާސްގެ ކުޅުމަށް ބަލާ، ބޯނަސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މި ސީޒަނަށްފަހު ފެބްރިގާސްގެ ކޮންޓްރެކްޓްވެސް ހަމަވާން އޮތުމާ އެކުގައި ކަމަށް ބެލެވެއެވެ.

މޮނާކޯއަށް ސޮއިކުރުމަށްފަހު ފެބްރިގާސް ބުނެފައި ވަނީ އެ ނިންމުން އޭނާ ނިންމީ އާ ޕްރޮޖެކްޓެއްގެ ތަޖުރިބާ ހޯދުމަށް ކަމަށާއި، ފްރާންސްގެ ވަރުގަދަ ކްލަބަކަށް ކުޅުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ފެބްރިގާސް ވަނީ އިނގިރޭސި ކްލަބުތަކަށ 500 އަށްވުރެ ގިނަ މެޗު ކުޅެދީ، ދެފަހަރަށް ޕްރިމިއާ ލީގުވެސް އުފުލާލާފައެވެ. އެ ދެފަހަރަކީވެސް ޗެލްސީއާއެކު އޭނާ އުފުލާލި ދެފަހަރެވެ. އޭގެ އިތުރުން އެފްއޭ ކަޕް އަދި ލީގު ކަޕްވެސް ޗެލްސީއާއެކު ފެބްރިގާސް ކާމިޔާބު ކޮށްފައިވާ އިރު، އާސެނަލްއާއެކުވެސް އޭނާ ވަނީ އެފްއޭ ކަޕް ނަގާފައެވެ.

އޭގެ އިތުރުން 2006 ވަނަ އަހަރު ބާސާއާ ދެކޮޅަށް އާސެނަލްއިން ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް ފެބްރިގާސް ކުޅެފައިވާ އިރު، އޭނާ ވަނީ 2011 ވަނަ އަހަރު ބާސާއަށް ބަދަލުވެފައެވެ. އެ ކްލަބާއެކު ޖުމްލަ ހަ ތަށި ހޯދި އިރު، އޭގެ ތެރޭގައި ކްލަބު ވޯލްޑް ކަޕްވެސް ހިމެނެއެވެ.

ފެބްރިގާސް ޗެލްސީއާ 2014 ވަނަ އަހަރުއެވެ. ޗެލްސީއާއެކު ފުރަތަމަ ދެތިން ސީޒަނަށް ވަރަށް ކާމިޔާބު ނަމަވެސް، ފަހުން އައިސް އޭނާއަށް ވަނީ ފުރަތަމަ 11އިން ޖާގަ ގެއްލިފައެވެ. އަދި މިހާރު ސާރީގެ ސިސްޓަމަށް އޭނާ ފިޓް ނޫންވުމުން، ކުޅުމުގެ ފުރުސަތުވެސް ލިބެނީ މަދުންނެވެ.