ބާސެލޯނާގެ ކާމިޔާބު ސީޒަންތަކެއް ހޭދަކުރުމަށްފަހު ދުނިޔޭގެ ރެކޯޑު އަގަކަށް ޕީއެސްޖީއަށް ބަދަލުވި ނޭމާ، އަނބުރާ ބާސާއަށް ދިއުމަށް އާދޭސް ކުރާ ކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކައަކީ ދޮގު ކަމަށް އޭނާގެ އޭޖެންޓް، އަދި ބައްޕަ ބުނެފިއެވެ.

ބާސާ ދޫކޮށް، 2017 ވަނަ އަހަރު ޕީއެސްޖީއަށް ނޭމާ ބަދަލުވީ ރެކޯޑު 222 މިލިއަން ޔޫރޯއަށެވެ. އޭގެ ފަހުން ކޮންމެ ޓްރާންސްފާ ސީޒަނެއްގައިވެސް ނޭމާ އެނބުރި ބާސާއަށް ދާނެ ކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.

އެ ވާހަކަތައް މިފަހަރުވެސް ބޮޑަށް ދެކެވެން ފެށީ، ބާސާގެ ތަރި ލިއޮނަލް މެސީ ބުނި ވާހަކައަކުންނެވެ. އެގޮތުން މެސީ ބުނެފައި ވަނީ އަދިވެސް ނޭމާއާއެކު ބާސާގައި ކުޅެން ބޭނުންވާ ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން ނޭމާ އެނބުރި ބާސާއަށް ދާނެ ކަމަށް އުންމީދު ބޮޑު ކަމަށްވެސް މެސީ ބުނެފައި ވެއެވެ.

އޭގެ ފަހުން މީޑިއަތަކުގައި ބުނެފައި ވަނީ ބާސާއިން ބޭނުން ވަނީ ކުޓީނިއޯ ވިއްކާލަން ކަމަށާއި، އެ ޓްރާންސްފާގެ ސަބަބުން ނޭމާގެ ޓްރާންސްފާއަށް ފަންޑް ކުރެވޭނެ ކަމަށެވެ. ޕީއެސްޖީންވެސް ފީފާގެ އަދަބަކަށް ރައްކާތެރި ފިޔަވަޅުތައް އަޅަން ވިސްނާ އިރު، އެ ކްލަބަށް އޮތް އެންމެ ބޮޑު މައްސަލައަކީވެސް ފައިނޭންޝިއަލް ފެއާޕްލޭ އެވެ. އަދަބުން ސަލާމަތްވުމަށް ނޭމާ ނޫނީ އެމްބާޕޭވެސް ވިއްކާލުން ގާތެވެ.

ނޭމާ ބާސާއަށް ދާން ބޭނުންވާ ކަމަށް ސްޕެއިންގެ ނޫހެއްގައި ޖަހާފައި ވަނިކޮށް، އޭނާގެ ބައްޕަ ސަންޓޯސް ސީނިއާ، މީސް މީޑިއާގައި ބުނެފައި ވަނީ އެއީ އޮޅުވާލުމެއް ކަމަށެވެ. އަދި އިންސްޓާގްރާމް ކުރި ޕޯސްޓެއްގައި ހަބަރުގެ ސްކްރީން ޝޮޓަކާއެކު "ފޭކް" ޖަހާފައިވެއެވެ.

ނޭމާ ޕީއެސްޖީއާއެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ހުރި އިރު، މިދިޔަ ސީޒަންގައިވެސް އޭނާއަށްވި އަނިޔާއާއެކުވެސް ގިނަ ތަށިތަކެއް ހޯދިއެވެ. ނޭމާ ޕީއެސްޖީއަށް ބަދަލުވުމުން އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، އެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވީ ނޭމާގެ ބައްޕައަށެވެ.

ކިޔުންތެރިންގެ ހިޔާލު