އޭސީ މިލާންގެ ކޯޗު، ގެނަރޯ ގަޓޫސޯ ބޭނުން ވަނީ ޓީމުގެ ފޯވަޑް ގޮންޒާލޯ ހިގުއައިން ކްލަބުގައި މަޑުކުރުވަން ކަމަށް އޭނާ ބުނެފިއެވެ.

ހިގުއައިން އޭސީ މިލާނަށް ދިޔައީ މި ސީޒަންގެ ކުރިންނެވެ. ޔުވެންޓަސްއިން ލޯނަށް ގޮސް އޭސީ މިލާންގައި ހުރި ނަމަވެސް، ސީޒަން ނިމުމުން ހުގުއައިން ގަތުމަށް އޭސީ މިލާނަށް ފުރުސަތު ލިބެއެވެ. މި ހިނގާ ޓްރާންސްފާ ސީޒަންގައި ހިގުއައިން ޗެލްސީއަށް ބަދަލުވާނެ ކަމަށް މީޑިއާތައް ބުނެފައިވާ އިރު، އެކަމަށް އޭނާގެ އޭޖެންޓް މިހާރު ލަންޑަންގައި ހުރި ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެއެވެ.

" ހިގުއައިން އަކީ ކްލަބަށް ބޭނުންތެރި ކުޅުންތެރިއެއް. އޭނާ އަބަދުވެސް ނަތީޖާ ނެރޭ. މުހިއްމު ވަގުތުތަކުގައި ކްލަބަށް ބޭނުންތެރި ކުޅުންތެރިއަކު ދިޔުމުން ގެއްލުން ވާނެ. އަހަރެން ބޭނުން އޭނާ މަޑުކުރުވަން. އެކަމަކު ގަދަކަމުން ކުޅުވަންވެސް ބޭނުމެއް ނުވޭ،" ގަޓޫސޯ ބުންޏެވެ.

ސެރެއާގައި މިހާތަނަށް ކުޅުނު 15 މެޗުން ހަ ގޯލް ޖަހާފައިވާ ހިގުއައިން ވަނީ ޔޫރޮޕާ ލީގުގައިވެސް އޭސީ މިލާނަށް މޮޅު ކުޅުމެއް ދައްކާފައެވެ.

ޗެލްސީއަށް ފޯވަޑެއްގެ މައްސަލަ ކުރިމަތިވެފައިވާކަން ކޯޗު، މައުރީޒިއޯ ސާރީވެސް ބުނެފައިވާ އިރު، އެޓީމުން އެންމެ ބޮޑަށް ފާރަލާ އެކަކީ ހުގުއައިންނެވެ. ހިގުއައިންގެ އިތުރުން ކަވާނީއާއި ކަލުމް ވިލްސަން ހޯދުމަށްވެސް ޗެލްސީން ދަނީ މަސައްކަތް ކުރަމުންނެވެ

ކިޔުންތެރިންގެ ހިޔާލު