ލިވަޕޫލްގެ މިސްރު ތަރި، މުހައްމަދު ސަލާހް ޖެހި ޕެނެލްޓީން، 1-0ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށް، ލިވަޕޫލުން އެއްވަނައިގައި ދަމަހައްޓަމުން އަންނަ ލީޑު ދަމަހައްޓައިފިއެވެ.

މިރޭގެ މެޗުން މޮޅުވެ ލިވަޕޫލް އެއްވަނައިގައި އޮތީ 22 މެޗުން 57 ޕޮއިންޓާއެކުގައެވެ. އެޓީމަށްވުރެ މެޗެއް މަދުން ކުޅުނު ސިޓީ ދެވަނައިގައި އޮތް އިރު، ސިޓީއަށް ލިބެނީ 50 ޕޮއިންޓެވެ.

މިރޭގެ މެޗުގައި 70 ޕަސެންޓް ވަގުތު ބޯޅަ ގެންގުޅެ، އެއްކޮށްހެން ޑޮމިނޭޓް ކުރީ ލިވަޕޫލުންނެވެ. ބްރައިޓަންއިން ފަހަތުގައި ތިބެގެން ކުޅުމުގެ ސަބަބުން ލިވަޕޫލަށް ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެޓީމަށް ފުރަތަމަ ހާފްވެސް ދިޔައީ މާޔޫސް ކޮށެވެ.

ފުރަތަމަ ކޮޅުގައި ބްރައިޓަންގެ ޕަސްކަލް ގްރޮސްގެ ހަމަލާއެއް ފެނުނެވެ. ފަބީނިއޯ ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށްވަދެ އޭނާ ފޮނުވާލި ބޯޅަ ބްލޮކް ކުރީ މިރޭގެ މެޗުގައި އަނިޔާވެސް ވެފައި ހުރި ލޮވްރަންއެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރެއް ނުވެ، ލިވަޕޫލަށް ޕެނެލްޓީ ލިބުނެވެ. ޕާސްކަލް ގްރޮސް، އޭރިއާ ތެރެއިން ސަލާހަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ސަލާހް ނިންމާލީ ފަސޭހަ ކަމާއެކުގައެވެ.

ގޯލަށްފަހު ލިވަޕޫލުން ވަނީ އިތުރު ފުރުސަތުތަކެއްވެސް ތަނަވަސްކޮށްފައެވެ. ވައިނާލްޑަމްގެ ހަމަލާ ދަނޑިކައިރިން ބޭރަށްދިޔަ އިރު، ސަލާހަށް ވަނީ އިތުރު ފުރުސަތެއްވެސް ލިބިފައެވެ. އޭރިއާ ތެރޭގައި ހުއްޓާ މިލްނާ ދިން ބޯޅަ ސަލާހަށް ނިންމައެއް ނުލެވުނެވެ.

މިރޭގެ މެޗުން ބަލިވެ، ބްރައިޓަން އޮތީ 13 ވަނައިގައެވެ، 22 މެޗުން އެޓީމަށް ލިބެނީ 26 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    ލޮވުރަން?؟؟؟ނުވެސްކުޅޭމީހެއް.