އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހަމް އަތުން އާސެނަލް ބަލިވެއްޖެއެވެ.

ވެސްޓްހަމް ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުން ބަލިވެ އާސެނަލް އޮތީ ފަސްވަނައިގައެވެ. އެޓީމަށް 22 މެޗުން ލިބެނީ 41 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް 22 މެޗުން 47 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމުން މިރޭ ކުޅޭ މެޗުގައި ނިއުކާސަލް ބަލިކޮށްފި ނަމަ، އާސެނަލްއާ ނުވަ ޕޮއިންޓްގެ ފަރަގެއް އޮންނާނެއެވެ.

މިރޭގެ މެޗުގެ ތަރިއަކަށްވީ ވެސްޓްހަމްއަށް ކުޅެމުން އަންނަ އަޔަލޭންޑްގެ 19 އަހަރު ފޯވަޑެވެ. މިރޭގެ މެޗުގެ ހަމައެކަނި ގޯލް އޭނާ ޖެހި އިރު، އެއީ އޭނާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ މި ހިނގާ ޓްރާންފާ ސީޒަންގައި އެޓީމާ ގުޅުނު ސާމިރް ނަސްރީއެވެ.

ނަސްރީ އެންމެފަހުން 2016 ވަނަ އަހަރު ސިޓީއަށް ކުޅުނު ފަހުން ލަލީގާ އަދި އިޓާލިއަން ސެރެއާ އޭގައިވެސް ކުޅުނެވެ. އޭގެ ކުރިން އޭނާ ވަނީ އާސެނަލަށްވެސް ކުޅެފައެވެ.

މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅުގައި ރައިސްގެ ގޯލް ފެނުނު އިރު، ފުރަތަމަ ހާފްގައި އާސެނަލުން ތަފާތު މޮޅު ކުޅުމެއް ދެއްކިއެވެ. އެލެކްސެންޑްރާ ލަކަޒޭޓްގެ ދެ ހަމަލާއެއް ލޫކާސް ފަބިއާސްކީ ސޭވް ކުރި އިރު، މިރޭގެ މެޗަކީ ލީގުގެ ފުރަތަމަ މެޗަށްފަހު އާސެނަލަށް ގޯލެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

މިރޭގެ މެޗުން މޮޅުވެ، ވެސްޓްހަމްއިން ތާވަލުގެ އަށްވަނައަށް ޖެހިލާފައިވާ އިރު، މެޗުގައި އެޓީމުގެ އެޓޭކިން ކުޅުންތެރިންނަށް އިތުރު ހަމަލާތައްވެސް ލިބުނެވެ. އަރްނޯޓޮވިޗާއި، ފިލީޕޭ އެންޑަސަން އަދި ސާމިރު ނަސްރީވެސް ވަނީ ގޯލަށް ނުރައްކާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު