ޗެލްސީގެ ބްރެޒިލް ވިންގާ ވިލިއަންއަކީ ޓީމަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި، އޭނާ ފޮނުވާލުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ސާރީ މިހެން ބުނެފައި ވަނީ ރޭ ޗެލްސީން ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗަށްފަހުގައެވެ. އެ މެޗު، 2-1ގެ ނަތީޖާއަކުން ޗެލްސީން ކާމިޔާބުކުރި އިރު، މެޗުގެ ދެވަނަ ގޯލް ޖަހައިދިނީވެސް ވިލިއަން އެވެ.

މި ހަފްތާގެ ކުރީކޮޅުގައި ބާސެލޯނާއިން ޗެލްސީގެ ވިލިއަން ގަތުމަށް، އެޓީމާ ދާދިފަހުން ގުޅުނު މެލްކޮމްގެ އިތުރުން ފައިސާވެސް ހުށަހެޅިއެވެ. ޗެލްސީން ވަނީ އެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ.

" ވިލިއަން އަކީ ޓީމަށް މުހިއްމު ކުޅުންތެރިއެއް. އޭނާ މަޑުކުރުވަން ވަރަށް ބޭނުންވޭ. އަހަންނަކަށް ނުފެނޭ އޭނާ ޗެލްސީ ދޫކޮށްދާތަނެއް. މުސްތަގުބަލުގައިވެސް ވިލިއަން ފެންނާނީ ޗެލްސީން،" ސާރީ ބުންޏެވެ.

އުމުރުން 30 އަހަރުގެ ވިލިއަން ޗެލްސީއާ ގުޅުނީ 2013 ވަނަ އަހަރުއެވެ. އޭނާ ވަނީ ޗެލްސީއަށް މުހިއްމު މެޗުތަކެއް ކުޅެދީ ގިނަ ގޯލްތަކެއް ޖަހައިދީފައެވެ.

ޗެލްސީގެ އަރިމައްޗަށް ކުޅެމުންދާ އިނގިރޭސިވިލާތުގެ ކަލުން ހުޑަސަންއަށް ބަޔާންއިން ފުލުފުލުގައި ބިޑްކުރަމުންދާ އިރު، އޭނާ ނުވިއްކާނެ ކަމަށްވެސް ސާރީ ވަނީ ރޭ ބުނެފައެވެ. ބަޔާއިން ހަޑަސަން ހޯދަން ބިޑްކުރި ގޮތުން ޗެލްސީން ވަނީ ބަޔާންއަށް ނުރުހުންވެސް ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު