އިނގިރޭސި ފުޓުބޯޅައިގައި ލީޑްސްގެ ރަން ޒަމާނުގައި އެޓީމަށް ކުޅުނު ދެކުނު އެފްރިކާގެ ފޯވަޑް ފިލް މަސިންގާ މަރުވެއްޖެއެވެ.

މަސިންގާ މަރުވެފައި ވަނީ އޭނާގެ އުމުރުން 49 އަހަރުގައެވެ. މަސިންގާ ވަނީ ލީޑްސް ޔުނައިޓެޑްގެ އިތުރުން އިނގިރޭސިވިލާތުގެ ޔޯކްޝެއާއަށްވެސް ކުޅެފައެވެ.

ލީޑްސް ޔުނައިޓެޑުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކްލަބަށް ކުރިން ކުޅުނު ފޯވަޑް މަސިންގާގެ މަރަކީ ކްލަބަށް ލިބުނު ފުން ހިތާމައެއް ކަމަށާއި، މަސައިންގާގެ އާއިލާއާ ކުދިންނާއެކު ލީޑްސްއިން ވާކަމަށެވެ.

މަސިންގާގެ ކެރިއަރު ފެށީ 1990 ވަނަ އަހަރުގައެވެ. 12 އަހަރުގެ ދިގު ކެރިއަރަކަށްފަހު އޭނާ އެންމެފަހުން ކުޅެފައި ވަނީ އަބޫދާބީގެ އަލް ވަހްދާއަށެވެ. ގައުމީ ޓީމަށް 58 މެޗު ކުޅެދިން މަސިންގާ ވަނީ 18 ގޯލް ޖަހައިފައެވެ. ހާއްސަކޮށް އޭނާ ކޮންގޯ ކޮޅަށް ޖެހި ގޯލާއެކު 1998 ވަނަ އަހަރު ދެކުނު އެފްރިކާ ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ.

މަސިންގާ ވަނީ ގައުމީ ޓީމާއެކު އެފްރިކަން ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު