ފޮނަދޫ ބަރާސިލް އެކުވެރި ރައްޔިތުންގެ ކްލަބު، ބައްރު ކްލަބުން ބޭއްވި 14 އަހަރުން ދަށުގެ ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ޝަބްނަމީ ހޯލްޑިންގްސްއިން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ޝަބްނަމީ ހޯލްޑިންގްސްއިން ހޯދީ އިއްޔެ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ކުރިގަމް ޔޫތު ޓީމު ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ އޮތީ 4-4އިން އެއްވަރުވެފައެވެ. މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނެލްޓީ ޖަހައިގެންނެވެ. ޝަބްނަމީ ހޯލްޑިންސްގްއިން ޕެނެލްޓީގައި މެޗު ކާމިޔާބުކުރީ 9-8 އިންނެވެ.

އިއްޔެގެ މެޗު ފެށިގެން ވަރުގަދައަށް ކުޅެ، ޝަބްނަމީ ހޯލްޑިންގްސްއިން ތިން ގޯލްގެ ލީޑެއްވެސް ނެގިއެވެ. އެޓީމަށް ތިން ގޯލްވެސް ޖަހައިދިނީ އާހިލް އަލީއެވެ. ޝަބްނަމީ ހޯލްޑިންގްސްއިން ބޮޑު ލީޑެއްގައި އޮތް ނަމަވެސް، އެޓީމަށް ލީޑު ދެމެހެއްޓޭ ގޮތެއް ނުވިއެވެ.

ކުރިގަމު ޔޫތު ޓީމުން ވަނީ ފަހަތުން އަރާ ވަރުގަދަކޮށް، މެޗުގެ ނަތީޖާ ހަމަހަމަވެސް ކޮށްފައެވެ. އެޓީމަށް ފުރަތަމަ ތިން ގޯލްގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ރަޔާންއެވެ. އަނެއް ގޯލް ނާއިމް ޖަހައިދިން އިރު، ޝަބްނަމީ ހޯލްޑިންގްސްގެ ހަތަރު ވަނަ ގޯލްވެސް ޖަހައިދިނީ އާހިލްއެވެ.

ފައިނަލް މެޗުގެ ކުޅުމުގެ ތެރެއިން --- ފޮޓޯ/ އެކްސްޥާޓައިޒް

އާހިލްގެ ގޯލާއެކު ޝަބްނަމީ ހޯލްޑިންގްސްއިން ތަށްޓާ ގާތަށް ޖެހިލި ނަމަވެސް، ކުރިގަމު ޔޫތު ޓީމުގެ ޒަކުވާން ވަނީ ފަހުވަގުތު އެޓީމަށް އެއްވަރު ކޮށްދީފައެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވާ އިރު، އެންމެ މޮޅު ފަސް ކުޅުންތެރިންނަށްވެސް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ.

މޮޅު ފަސް ކުޅުންތެރިން --- ފޮޓޯ/ އެކްސްވާޓައިޒް

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ކުރިގަމް ޔޫތު ޓީމުގެ ރަޔާންއާއި ޒާއިންގެ އިތުރުން ޝަބްނަމީ ހޯލްޑިންގްސްގެ ގޯލްކީޕަރު ޝައުން ނާފިއު، އާހިލް އަދި ލިޓުލް ސްޓާސްގެ މުހައްމަދު ބިލާލެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންނަށް ރަޔާންއާއި ޒާއިން ހޮވުނު އިރު، ފެއާޕްލޭ ޓީމަކީ ލިޓުލް ސްޓާސް އެފްސީއެވެ.

ބައްރު ކްލަބުގެ 14 އަހަރުން ދަށު ފުޓްސަލް ލީގަކީ ފޮނުދުއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ގައުމީ ޓީމާއެކު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް އުފުލާލި ރަން ކެޕްޓަން އައްސަދު އަބްދުލްޣަނީއެވެ.