އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ޓޮޓެންހަމް ބަލިކޮށްފިއެވެ.

ޓޮޓެންހަމްގެ ހޯމް، ވެމްބްލީގައި މިރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުން މޮޅުވެ ޔުނައިޓެޑްގެ ކޯޗު އޮލީ ގުނާ ސޮލްސްޖާ ވަނީ 71 އަހަރުވީ ކްލަބު ރެކޯޑެއް މުގުރާލާފައެވެ. އޭނާ މުގުރާލި ރެކޯޑަކީ 1946-47 ވަނަ އަހަރު ކްލަބު ލެޖެންޑް ސާ މެޓް ބަބްސީ ހަދާފައިވާ، ކްލަބާ ހަވާލުވެ އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑެވެ.

މޮރީނިއޯ ކްލަބުން ފޮނުވާލުމަށްފަހު، ވަގުތީ ކޯޗަކަށް ޓީމާ ހަވާލުވި ސޮލްސްޖާ ވަނީ އޭނާގެ ކޯޗު ކަމުގައި ޔުނައިޓެޑުން މިހާތަނަށް ކުޅުނު ހަ މެޗުންވެސް މޮޅުވެފައެވެ. މީގެ ކުރިން ރެކޯޑު އޮތް ބަބްސީ އަތުގައި އެ ރެކޯޑު އޮތީ އޭނާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ ފަސް މެޗުން ޓީމު މޮޅުކޮށްދީގެންނެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ފެނުނީ ފެންވަރު ރަނގަޅު ފުޓުބޯޅައެވެ. ޓެކްޓިކަލީ ވަރުގަދަ ދެޓީމެއްގެ ފަރާތުން ފެނުނު ރީތި ފުޓުބޯޅައެވެ. ހަމަލާތައް އެންމެ ގިނަ ނޫން ނަމަވެސް، އެއްވެސް ޓީމަކުން ޑިފެންސަށް ނުވިސްނާ، ކުރިއަށް ޖެހި އެޓޭކަށް ކުޅުނެވެ.

ފުރަތަމަ ކޮޅުގައި ޓޮޓެންހަމްއިން ޔުނައިޓެޑްގެ ޑިފެންސަށް ނުރައްކާ ކުރި ނަމަވެސް، ޔުނައިޓެޑުން އޭގެ ބަދަލު ދިނީ ކައުންޓާ އެޓޭކުގައެވެ. ސައުތު ކޮރެއާއާއެކު އޭޝިއަން ކަޕަށް ދިޔުމުގެ ކުރިން އެޗްއެމް ސޮން ކުޅުނު އެންމެފަހު މެޗަކީ މިރޭގެ މެޗެވެ. މެޗުގެ ފުރަތަމަ ފުރުސަތުވެސް ފަހިވީ އޭނާއަށެވެ. ހެރީ ކޭން ފަހިކޮށްދިން ބޯޅަ ނިންމާ ނުލެވުނީއެވެ.

އޭގެ އިރުކޮޅެއްފަހުން ލިންގާޑަށްވެސް ފުރުސަތެއް ލިބުނެވެ. އޭނާއަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލަށް އަމާޒުކޮށް ނުލެވުނީއެވެ. ހަމަލާއެއް ނުފެނި ހާފް ނިމެންދިޔަ އިރު، މެޗުގެ ފުރަތަމަ ހާފް ކޮންޓްރޯލްކޮށް ކުޅުނީ ޔުނައިޓެޑުންނެވެ. ގިނަވަގުތު ބޯޅަ ގެންގުޅުނީ ޓޮޓެންހަމްއިން ނަމަވެސް، އެޓީމަށް އެދެވޭ އެޓޭކެއް އުފެއްދިފައެއް ނުވެއެވެ.

ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ޔުނައިޓެޑުން ލީޑު ނެގިއެވެ. މެދުތެރެއިން ޕޮގްބާ ދިން ރީތި ބޯޅައަކާއެކު އޭރިއާ ތެރެއަށް ވަދެ، ގޯލްގެ ތިރީ ކަނަށް ބޯޅަ ނިންމާލީ ރަޝްފޯޑެވެ. އެ ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ ގޯލްކީޕަރު އަތުގައިވެސް ޖެހިފައެވެ.

ފުރަތަމަ ހާފް ޔުނައިޓެޑުން ކުރީގައި އޮވެ ނިންމާލި ނަމަވެސް، ދެވަނަ ހާފްގައި ޓޮޓެންހަމްއިން ނުކުތީ ހިތްވަރު އާކޮށްގެންނެވެ. ކޭންގެ ވަރުގަދަ ދެ ހަމަލާއެއްގެ އިތުރުން ޑެލީ އަލީގެ ބާރު ހަމަލާއެއްވެސް ދިފާއުކޮށް، މިރޭގެ ތިން ޕޮއިންޓް ޔުނައިޓެޑަށް ސަލާމަތް ކޮށްދިނީ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ.

އަނެއްކޮޅުން ޕޮގްބާގެ ނުރައްކާވެސް ދެ ފަހަރަކަށް ފެނުނެވެ. އޭނާގެ ބާރު ހަމަލާއެއްގެ އިތުރުން ގޯލްކީޕަރު ބޯމަތިން އެއްލަން މަސައްކަތް ކުރި ބޯޅައެއްވެސް ދުއްވާލީ ގޯލްކީޕަރު ލޮރިސްއެވެ. މެޗު ނިމިނިމި އޮތްވާވެސް ކޭންގެ ބާރު ހަމަލާއެއް ފެނުނެވެ. ހުނަވެރިކަމާއެކު އެ ހަމަލާވެސް މަތަކުރީ ގޯލްކީޕަރު ޑެހެއާއެވެ.

މިރޭގެ މެޗުން މޮޅުވެ، ޔުނައިޓެޑް ވަނީ 22 މެޗުން 41 ޕޮއިންޓް ހޯދާ، ފަސްވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓް ހަމަހަމަ ކޮށްފައެވެ. އެޓީމު ހަވަނައިގައި އޮތީ ގޯލް ތަފާތުންނެވެ. މެޗުން ބަލިވެ، ޓޮޓެންހަމްއަށް ވަނީ ލީގަށް ވާދަކުރުމަށް ހުރަސްތަކެއް އެޅިފައެވެ.

މިހާތަނަށް ކުޅުނު 22 މެޗުން 48 ޕޮއިންޓާއެކު އެޓީމަށް ތާވަލުގެ ތިންވަނަ ލިބޭ އިރު، އެއްވަނައިގައި ލިވަޕޫލް އޮތީ 57 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި ޗެލްސީ އޮތީ ހަތަރުވަނައިގައެވެ. އެޓީމަށް 22 މެޗުން ލިބެނީ 47 ޕޮއިންޓެވެ.