ސްޕެނިޝް ލަލީގާގައި 400 ގޯލް ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ބާސެލޯނާގެ ލިއޮނަލް މެސީ ހޯދައިފިއެވެ.

މެސީ އެ ޝަރަފު ހޯދީ ރޭ އެއިބާއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ޖެހި ގޯލާއެކުގައެވެ. ރޭ އަމިއްލަ ދަނޑުގައި ބާސާއިން ކުޅުނު މެޗު 3-0ގެ ނަތީޖާއަކުން އެޓީމު ކާމިޔާބުކުރި އިރު، މެޗުގައި މެސީގެ އިތުރުން އަނެއް ދެ ގޯލް ޖެހީ ލުއިސް ޝުއަރޭޒްއެވެ.

ރޭގެ މެޗުން މޮޅުވެ ބާސާ އޮތީ އެތުލެޓިކޯ މެޑްރިޑަށްވުރެ ފަސް ޕޮއިންޓް މަތިން ތާވަލުގެ އެއްވަނައިގައެވެ.

މެޗުން ބާސާ މޮޅުވުމަށްވުރެ ބޮޑަށް، ރޭގެ މެޗުގެ އުސް އައްޔަކަށްވީ މެސީގެ 400 ވަނަ ގޯލައެވެ. ލަލީގާގައި 400 ގޯލް ހަމަކުރި ކުޅުންތެރިޔާގެ އިތުރުން މެސީއަކީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ލީގެއްގައިވެސް 400 ގޯލް ހަމަކުރި ހަމައެކަނި ކުޅުންތެރިޔާއެވެ.

އުމުރުން 31 އަހަރުގެ މެސީ، 400 ގޯލް ހަމަކޮށްފައި ވަނީ 435 މެޗުންނެވެ. މިވަގުތު އެކްޓިވްކޮށް، ލީގު ކުޅޭ ކުޅުންތެރިންގެ ތެރެއިން ޔޫރަޕްގައި 400އަށްވުރެ ގިނަ ގޯލް ޖަހައިފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެކަންޏެވެ. ރޮނާލްޑޯ މިހާތަނަށް ޔޫރަޕްގައި 409 ގޯލް ޖަހާފައިވާ އިރު، އޭނާ އެ އަދަދަށް ގޯލް ޖެހީ 507 މެޗުންނެވެ.

މެސީއާ ހިލާފަށް، ރޮނާލްޑޯ ގޯލްތައް ޖެހީ އިންގްލެންޑް، ސްޕެއިން އަދި އިޓަލީ ލީގުގައެވެ. އެހެން ނަމަވެސް، ރޮނާލްޑޯއަށް 400 ގޯލާ ހަމަކުރެވުނީ 63 މެޗު އިތުރަށް ކުޅެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރުހަބާ މެސީ! ޕެނާލްޑޫ ފަހަތަށް ޖައްސާ ލާން ދެން ބޭނުންވަނީ އެންމެ ނުވަގޯލް.! ތި ކާމިޔާބު ލިބުނީ ޕެނާލްޑޫ އަށްވުރެ 60 ގިނަ މެޗު މަދުން ކުޅެގެން.!