މެންޗެސްޓާ ޔުނައިޓެޑުން ރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުން މޮޅުވެ، ޔުނައިޓެޑު ވަނީ ޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުރި، އޮލީ ގުނާ ސޮލްޖާގެ އިރުޝާދުގެ ދަށުން ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑު ދަމަހައްޓާފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް، ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ ރަޝްފޯޑުގެ ގޯލުންނެވެ. ފުރަތަމަ ހާފް ޔުނައިޓެޑުން ކުރީގައި އޮވެ ނިންމާލި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ޓޮޓެންހަމް ވަނީ ފުލުފުލު ހަމަލާ އުފައްދާފައެވެ.

ޓޮޓެންހަމްގެ ހަމަލާތަކުން ޔުނައިޓެޑް ސަލާމަތް ކޮށްދިނުމުގައި ރޭގެ މެޗުގެ "ހީރޯ"އަކަށްވީ ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ. އޭނާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޖުމްލަ 11 ސޭވް ކޮށްގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން، ކްލަބު ލެޖެންޑް އަދި މިހާރުގެ ކޯޗު ސޮލްސްޖާ ބުނީ އޭނާއަށް އެޑްވިން ވެންޑަސާއާއި ޕީޓާ ޝޫމައިކަލްއާއެކުވެސް ކުޅެވުނު ކަމަށާއި، ޑެހެއާއަކީ ކްލަބު ތާރީގހުގައިވެސް އެންމެ މޮޅު ގޯލްކީޕަރަށް ވާދަކުރާ ފަރާތެއް ކަމަށެވެ.

"ޔުނައިޓެޑަކީ އާންމުކޮށް މޮޅެތި ކީޕަރުން ކުޅޭ ކްލަބެއް. އެޓީމުން އަހަންނަށްވެސް ވެންޑަސާއާއި ޕީޓާ ޝޫމައިކަލްވެސް ތަޖުރިބާ ކުރެވުނު، އެކަމަކު މިހާރު ޑެހެއާ ހުރި ލެވެލްއިން ކްލަބު ތާރީހު ދުތް އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް އޭނާ ވާދަކުރާނެ،" ސޮލްސްޖާ ބުންޏެވެ.

ސޮލްސްޖާ އިތުރަށް ބުނީ ޔުނައިޓެޑްގެ ފަހަތަށް ކުޅުނު ހަތަރު ކުޅުންތެރިންވެސް ކުޅުނީ ރަނގަޅު ފޯމެއްގައި ކަމަށާއި، ޓީމު އެންމެފަހުން ކުޅުނު ތިން މެޗުގައިވެސް ކްލީން ޝީޓް ނެގުމަކީ ގަދަ ހަތަރަކަށް އުންމީދު ބޮޑުވި ސަބަބެއް ކަމަށެވެ.

ޑެހެއާއަށް ތައުރީފް ކުރުމަށްފަހު ސޮލްސްޖާ ބުނީ ޔުނައިޓެޑަކީ އެންމެ މަތީ ލެވެލްގައި އަދިވެސް ވާދަކުރަން ޖެހޭ ކްލަބެއް ކަމަށާއި، މިފަހަރުވެސް ގަދަ ހަތަރަކަށް އެރެވޭނެ ކަމުގެ އުންމީދު އަދިވެސް ބޮޑު ކަމަށެވެ.

ޑެހެއާ ޔުނައިޓެޑާ ގުޅުނީ 2011 ވަނަ އަހަރު އެތުލެޓިކޯއިންނެވެ. ފާގަސަންގެ ކޯޗުކަމުގައި އޭނާ ގެނައީ އޭރު ހުރި ނެދަލޭންޑްސް ގޯލްކީޕަރު ވެންޑަސާ ރިޓަޔާކުރުމުން، އޭނާ ނެތްތަން ފޫބެއްދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކފގކދކ

    ގުދް