ރާއްޖޭގެ ފުޓުބޯޅައިގެ ފުރަތަމަ ރަން ކެޕްޓަނަކީ ނ. މާފަރަށް ނިސްބަތްވާ އައްސަދު އަބްދުލްޣަނީއެވެ. ސަރަހައްދީ ދެވަނަ ތަށްޓާއެކު ދެވަނަ ރަން ކެޕްޓަނަކީ އޭނާގެ ކޮއްކޮ، އަކުރަމް އަބްދުލްޣަނީ (އަކޫ)އެވެ. އެހިސާބުންވެސް އަކޫއާއި އައްސަދުގެ އާއިލާއަކީ ފުޓުބޯޅަ އާއިލާއެއްކަން ސާފެވެ.

ރާއްޖޭގެ ކްލަބު ފުޓުބޯޅައަށް ދާދިފަހުން ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ޓީސީ ސްޕޯޓްސް ކްލަބުން 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި، އިންވިޓޭޝަނަލް ކްލަބު މުބާރާތެއް ނެގުމެވެ. ރާއްޖެއަށް ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ލިބުނު ރަން ކާމިޔާބީއެއްގެ ގޮތުގައި އެ ކާމިޔާބީވެސް ދިވެހި ފުޓުބޯޅައިގައި ޖާގަ ހޯދާފައިވާ އިރު، އެ މުބާރާތުގައި ޓީސީންވެސް ރަން ކެޕްޓަނުންގެ އާއިލާގެ މެމްބަރެއް، ރަން ކުޅުންތެރިއަކަށް ހަދާލަ ދިނެވެ.

އަރާޝް ޓީސީގެ ކުޅުންތެރިންނާއެކު ---

އައްސަދު އަބްދުލްޣަނީގެ ދަރި، އަރާޝް އައްސަދެވެ. ޓީސީން އެ މުބާރާތުގެ ފައިނަލްގައި ދެކުނު ކޮރެއާގެ އެފްސީ ޕޮޗިއޯން، ޕެނެލްޓީ ޖަހައިގެން ބަލިކުރި އިރު، ޓީސީ މޮޅުވި ޕެނެލްޓީ ވައްދާލީ ޒުވާން ތަރި، އަރާޝްއެވެ. ތަށްޓާއެކު އެއާޕޯޓުން އަރާޝްއަށް ފުރަތަމަވެސް މަރުހަބާ ކިއީ އޭނާގެ ބައްޕަ، ދިވެހި ފުޓުބޯޅައިގެ ފުރަތަމަ ރަން ކެޕްޓަން އައްސަދެވެ،

އައްސަދުގެ މޫނުން، އެ ދުވަހު ފެނުނު އުފާވެރިކަމާ، ފަހުރުވެރިކަމުން، ދައްކުވައިދިނީ އޭނާގެ ދަރިފުޅާ ދޭތެރޭ ދެކޭ ފޮނި ހުވަފެންކަން ޔަގީނެވެ. އައްސަދު ފަދަ ކާމިޔާބު ކުޅުންތެރިޔަކަށް އަރާޝް ހަދަން އޭނާ ބޭނުންވި މިންވަރުކަންވެސް ޔަގީނެވެ.

އައްސަުދު ތަށްޓާއެކު މާލެ އައި ތާރީހީ ފޮޓޯ --- ފޮޓޯ/ ފޭސްބުކް

އަރާޝްވެސް ދެކެމުން ދިޔައީ ބައްޕަވެސް ދެކެމުންދިޔަ ހުވަފެނެވެ. އެހެން ނަމަވެސް، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެ ހުވަފެންތަކަށް ހުރަހެއް އެޅުނެވެ. މިދިޔަ ސީޒަންގައި އޭނާ ފެނިފައިނުވާ އިރު، ވިދުން ގަދަވަމުންދިޔަ އަރާޝް ކުއްލިއަކަށް ގެއްލުނީ ކީއްވެތޯ، ފުޓުބޯޅައަށް ލޯބިކުރި ގިނަ ބަޔަކު ސުވާލުވެސް އުފެއްދިއެވެ.

އެ ސުވާލުތަކުގެ ޖަވާބުގެ އިތުރުން، މިހާރު އަރާޝް ކުރާ މަސައްކަތް، އޭނާ "ވަގުތު"އާ ހިއްސާ ކުރިއެވެ.

"ޓީސީގެ މުބާރާތަށްފަހު އައިސް އޭރު (2017)ގައި ތިނަދޫ ޓީމަށް ފަރުތަކުރަމުންދިޔައީ. ފަރިތަކުރުންތަކުގެ ތެރޭގައި ކަނާތު ފައިގެ ކަކުލަށް އަނިޔާވީ. ޓީމުގެ ކުޅުންތެރިއެއްގެ އެހީގައި އަހަރެން އޭޑީކޭއަށް ގެންދިޔަ އިރުވެސް އަސްލު ވާނުވާއެއް ނޭނގެ. ސްކޭންތައް ހެދުމަށްފަހު ޑރ. ޝަކީލް ބުނީ ވީހާވެސް އަވަހަށް ސާޖަރީއެއް ހަދަންށޭ ޖެހޭނީ. ކަކުލުގެ ލިގަމެންޓް ގޮސްފައޭ އިނީ،" އަރާޝް އޭނާއަށް 2017 ވަނަ އަހަރު ކުރިމަތިވި ބޮޑު އަނިޔާގެ ވާހަކަ ފެށިއެވެ.

އަރާޝް އިންޓަ ސްކޫލް މުބާރާތުގައި --- ފޮޓޯ/ އިމޭޖްސް އެމްވީ

ކުރިމަގު އުޖާލާކޮށް ދެކެމުންދިޔަ އަރާޝްގެ އިތުރުން އޭނާގެ ބައްޕައާއި މުޅި އާއިލާއަށްވެސް ޝޮކެކެވެ. ކުރިއަރަމުންދިޔަ ދިޔުމަށް ހުއްޓުމެއް ގެންނަން މަޖުބޫރުކޮށް، އޭނާ އެނދުމަތިވި ހިސާބުން ކެރިއަރުގެ ކުރިމަގާ މެދު ސުވާލު އުފެދުނެވެ.

"ވަރަށް ވަރަށް ބޮޑަށް ދެރަވި. އޭރު އައީ ވަރަށް ބޮޑަށް ކުރިއަރަމުން. އެފަދަ އަނިޔާއެއް ވާނެ ކަމަށް ހިތަށްވެސް ނާދޭ. އެހެންވެ ބައްޕައާއި އަހަންނަށްވެސް ލިބުނީ ޝޮކެއް. ބައްޕަގެ ބޮޑު ހުވަފެނެއް ކުދިކުދިވެގެން ދިޔަ ކަހަލަ އަސްލު،" އަރާޝް ބުންޏެވެ.

އެތަކެއް ހުވަފެންތަކެއްގައި ކުލަ ޖެއްސުމަށް އަޒުމް ކަނޑައަޅައިގެން ދަނޑު މައްޗަށް ނުކުތް އަރާޝްއަށް ލިބުނު އަނިޔާގެ ސަބަބުން މެންޓަލީ އޭނާއަށް ބޮޑު ޗެލެންޖަކާ ކުރިމަތިވިއެވެ. އެހެން ނަމަވެސް، މައިންބަފައިން އަދި ވަކިން ހާއްސަކޮށް ބޮޑުބޭބެ އަކޫގެ ހިތްވަރާވެސް އެކު، އަރާޝްގެ އުންމީދު ފަނޑުވިޔަ ނުދީ ހިފެހެއްޓިއެވެ.

އަނިޔާއަށް ހަ މަސްފަހުން އިންޑިއާގެ އިސާކް ހޮސްޕިޓަލުން ސާޖަރީ ހެދުމާ ހަމައަށްވެސް އަރާޝްގެ އުންމީދަކަށް ފަނޑުކަމެއް ގެނުވައެއް ނުދެއެވެ. މަންމައާއި ބައްޕަގެ އިތުރުން އަކޫވެސް ދިން ނަސޭހަތަކީ ހިތްވަރު ގެއްލުވާ ނުލުމަށް ދިން ނަސޭހަތެވެ. އޭގައި އަރާޝް ހިފަންވެސް ހިފިއެވެ.

"ސާޖަރީ ދިޔައީ ރަނގަޅަށް. އެކަމަށް ހާއްސަ ހޮސްޕިޓަލެއް އެއީވެސް. ދެން އޮތީ ރިކަވަރީގެ ބައި، ހަމަ ކޮންމެ ދުވަހަކު ފިޒިއޯ ހަދާ، އައިސް ޖައްސާ، އެހުރިހާ ކަމެއް ކުރަން. ބައްޕައަކީ އެކަމަށް ހަނދާންކޮށްދޭ މީހާ. ބައްޕަ އަބަދުވެސް ބުނަމުންދިޔައީ އެއް ވާހަކައެއް. އަރާޝްގެ ކެރިއަރު އަދި ނުނިމޭ، އެހެން،" އަރާޝް ބުންޏެވެ.

އަރާޝްގެ ހިތްވަރަކީ މައިންބަފައިންނެވެ. ރިކަވަރީގެ އެންމެ މުހިއްމު ކަންތައް، ޕޮސިޓިވް ވިސްނުން އޭނާއަށް ގެނެސްދެނީވެސް ތަޖުރިބާކާރު ބައްޕަގެ އިތުރުން މަންމައެވެ. އިތުރަށް އަމިއްލައަށް އަރާޝް ކުރި މަސައްކަތަކީ ރަނގަޅު ކާނާ، ބަރާބަރަށް ކެޔުމުގެ އިތުރުން ބަރާބަރަށް އަރާމު ކުރުމެވެ.

އަކޫއާއި އައްސަދު: ފުޓުބޯޅައިގެ ދެ ލެޖެންޑުން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ ރޫޓީން ހުންނަންވާނެ ގޮތަކީވެސް އެއީއެވެ. މިއަހަރު ކުޅުމަށް އަރާޝް އަޒުމްވެސް ކަނޑައެޅިއެވެ.

"ފުޓުބޯޅައަށް ނެރެދިނީވެސް ބައްޕަ. ބޭނުން ވަނީ ބައްޕަ ފަދަ ލެޖެންޑަކަށް ވާން،" އަރާޝް

ކުރިއަށް އޮތް ޔޫތު ޗެމްޕިއަންޝިޕަށް އަރާޝް އަންނަނީ ތައްޔާރުވަމުންނެވެ. އޭނާ ފަރިތަކުރަމުންދަނީ ކުރިންވެސް ކުޅުނު ޓީސީއާއެކުގައެވެ. ޒުވާން މުބާރާތް ނިންމާލުމަށްފަހު ސީނިއާ ޓީމާއެކު އަރާޝް ސީޒަނަށްވެސް ނުކުންނާނެއެވެ.

ބޮޑު އަނިޔާއަކުން ކެރިއަރުގެ ކުރިމަގު ބަނަވި ނަމަވެސް، މާތް ﷲގެ އިރާދަފުޅާއެކު އަރާޝް މިއަދު ތައްޔާރު ވަނީ އެނބުރި ދަނޑު މައްޗަށް ނުކުތުމަށެވެ. ބައްޕައާއި ބޮޑުބޭބެގެ ލެޖެންޑްރީ ކެރިއަރުތަކަކީ އޭނާގެ ކުރިމަތީގައި އޮތް ނަމޫނާއެވެ، އަރާޝްގެ އަޒުމާ އުންމީދަކީވެސް އެ ދެބެންގެ ކެރިއަރު ނަކަލު ކުރުމެވެ.

އަރާޝް އެންމެ ކުޑައިރުން ސުރެ ދެކެމުން އައި ހުވަފެނަކީ ގައުމީ ޖާޒީ ލުމެވެ. އެ ޖާޒީގައި ތަށްޓެއް ރާއްޖެ ގެނެސްދިނުމަކީ އޭނާއަށް އޮތް ޗެލެންޖެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހިމީހާ

    ގުޑްލަކް ބޯއި. ބައްފަ ގޮތަށް މޮޅުކުޅުމާ އެއްވަރަށް ރަގަޅު ޑިސިޕްލިންވެސް ދަމަހައްޓާ ކުޅުންތެރިއަކަށް ވާތި.